ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މާލޭ އިންޑޯ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް ކުރިއަށްދާގޮތް ވަޒީރު ރާފިއު ބައްލަވާލައްވައިފި

މާލޭ އިންޑޯ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް ކުރިއަށްދާގޮތް ވަޒީރު ރާފިއު ބައްލަވާލައްވައިފި

މާލޭގައި ތަރައްޤީކުރަމުންދާ އިންޑޯ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް ކުރިއަށްދާ ގޮތް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ބައްލަވާލައްވައިފިއެވެ. ކުޅިވަރު ވުޒާރާއާއި ހޭންޑްބޯލް އެސޯސިއޭޝަން ގުޅިގެން މި މަޝްރޫޢަށް ބޮޑު ހޭދައެއް ކުރަމުންދާއިރު، މި މަސައްކަތް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން މާލޭގައި އިތުރު ކޯޓެއް ނެތުމުން ކުލަބުތަކަށާއި ސްކޫލުތަކަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.

މި މަޝްރޫޢުގެ ދަށުން މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކޮށް، ލައިޓިންގ ސިސްޓަމް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދެއެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ ބަޔަކަށް އެއްފަހަރާ މެޗުތައް ބަލަން ތިބެވޭނެ އިންތިޒާމުތައްވެސް ހަމަޖެހިގެންދާނެއެވެ.

މާލޭގައި އެންމެ ފުރަތަމަ ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކޮށް ބޭނުންކުރަން ފަށާފައިވަނީ 2021 ވަނަ އަހަރުއެވެ. ނަމަވެސް، ރާއްޖޭގައި އިންޑޯ ހޭންޑްބޯޅަ ކޯޓެއް ނެތުމުގެ ސަބަބުން ކުޅުންތެރިންނަށް ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހުމުން، ކުރީގެ ކޯޓު ތަޅާލައި، ޒަމާނީ ފެންވަރުގެ އައު އިންޑޯ ކޯޓެއް އެޅުމުގެ މަސައްކަތް ސަރުކާރުން ފެށިއެވެ.

މީގެ ކުރިން ރާއްޖޭގައި އިންޑޯ މެޓްގައި ކުޅުމުގެ ފުރުޞަތު ތަނަވަސްވެފައި ނެތް ނަމަވެސް، މިހާރު ތަރައްޤީކުރަމުންދާ އިންޑޯ ކޯޓުގެ މަސައްކަތް ނިމުމުން، ރާއްޖޭގެ ހޭންޑްބޯޅަ ކުޅުންތެރިން ބައިނަލްއަޤްވާމީ މުބާރާތްތަކަށް ތައްޔާރުވުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި މިއީ ރާއްޖޭގެ ހޭންޑްބޯޅަ ކުޅިވަރު އިތުރު ހަރުފަތަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.