ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރަސްމާލެއާއެކު އުފެދޭނީ 50,000 ވަޒީފާ، މިއީ މުޅި ރާއްޖެ ބަދަލުކޮށްލާނެ އިންވެސްޓްމަންޓެއް: މަހުލޫފް

ރަސްމާލެއާއެކު އުފެދޭނީ 50,000 ވަޒީފާ، މިއީ މުޅި ރާއްޖެ ބަދަލުކޮށްލާނެ އިންވެސްޓްމަންޓެއް: މަހުލޫފް

ރަސްމާލެ ތަރައްޤީގެ ބޮޑު މަޝްރޫޢުގެ ތެރެއިން 50،000 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު އުފެދި، މުޅި ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ބަދަލެއް އަންނާނެ ކަމުގެ ޔަޤީންކަން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު މަހުލޫފް ދެއްވައިފިއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މަހުލޫފް ވިދާޅުވީ، 20 ބިލިއަން ޑޮލަރުގެ މި ބިޔަ އިންވެސްޓްމަންޓަކީ ސިންގަޕޫރާއި ދުބައި ފަދަ ތަންތަނުގައި ކުރެވޭ ފަދަ ފުރިހަމަ މަސައްކަތެއް ކަމަށާއި، މިއިން ކޮންމެ ދިވެހި ރައްޔިތަކަށާއި ދިވެހި ކުންފުނިތަކަށް ސީދާ ފައިދާ ކުރާނެ ކަމަށެވެ.

އިދިކޮޅު ސިޔާސީ ފަރާތްތަކުން މި މަޝްރޫޢާމެދު ކަންބޮޑުވެ ބިރުގަންނަނީ، މިއީ ހަމައެކަނި ދައްކާ ވާހަކައަކަށް ނުވެ، ކަންކަން ނިންމުމުގެ ޤާބިލުކަން ހުރި ފަރާތަކާ ހަވާލުކޮށްގެން ޙަޤީޤަތަކަށް ހަދަން ކުރިއަށްގެންދާ މަޝްރޫޢަކަށް ވާތީ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އަދި މެދުއިރުމަތީގެ ބޮޑެތި ވިޔަފާރިވެރިންނާއި ކުންފުނިތަކުގެ ޝައުޤުވެރިކަން މިއަދު މި މަޝްރޫޢަށް ލިބެމުންދާކަން ފާހަގަކުރައްވައި މަހުލޫފް ވިދާޅުވީ، މި ކަންކަން އެދެވޭ ގޮތުގައި ކުރިއަށްގޮސް ނިމުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެވަނަ ދައުރެއް ކާމިޔާބު ކުރެއްވުމަށް އޮތް އެންމެ ބޮޑު ސަބަބަށް ވެގެންދާނެ ކަމަށެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ސޮއިކުރެވި، ޔަޤީންކަމާއެކު ކުރިއަށްދާނެ ކަމުގެ 100 އިންސައްތަ އިޢުތިބާރު އެބިއޮތް ކަމަށާއި، ކުރިއަށް އޮތް ތަނުގައި އަންނަ ސަރުކާރުތަކުންވެސް މިއީ މުޅި ޤައުމުގެ ޙައްޤުގައި ހުއްޓާނުލައި އިތުރު އެއްބާރުލުން ދޭންޖެހޭނެ މަޝްރޫޢެއް ކަމަށް އޭނާ ވިދާޅުވިއެވެ.