ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެއްވެސް ވަޒީފާއެއް ނުވަތަ ރަސްމީ މަސައްކަތެއް ނުކޮށް މުއްސަނދިވާގޮތް ބެލެންޖެހޭ: އައިބީ

ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ)، ފޮޓޯ: މަޖިލިސް
ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ)، ފޮޓޯ: މަޖިލިސް

އެއްވެސް ވަޒީފާއެއް ނުވަތަ ރަސްމީ މަސައްކަތެއް ނުކޮށް އުޅޭ ފަރާތްތަކުން ކުއްލިއަކަށް ބޮޑެތި މުއްސަނދިކަން ހޯދަމުންދާ މައްސަލަތައް ފުރިހަމައަށް ތަޙުޤީޤު ކުރެވޭނެ ހަރުދަނާ އުޞޫލެއް ދައުލަތުގެ ތެރޭގައި އޮންނަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.

މެންބަރު އިބްރާހިމް ދީދީ މިހެން ވިދާޅުވީ ނުޙައްޤުން މުދާ ހޯދުމާއި މުއްސަނދިވުން ހުއްޓުވުމަށްޓަކައި ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު މަޖިލީހަށް ހުށަހެޅުއްވި ބިލުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އޭނާގެ ވާހަކަފުޅުގައި ރައްޔިތުންނަށް ޙަލާލު ގޮތުގައި އާމްދަނީ ހޯދޭނެ މަގުތައް ފަހިކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ތަޢުލީމީ މަރުޙަލާ ނިންމާ ގްރޭޑް 10 ނިންމާލުމަށްފަހު އެއްވެސް މަސައްކަތެއް ނުކުރާ ބައެއް ޒުވާނުންގެ އަތުގައި އަގުބޮޑެތި ވެހިކަލްތަކާއި މުދާ ހުންނައިރު، އެ ތަކެތި ހޯދި ގޮތް ބެލޭނެ ގޮތެއް ނެތުމަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. މީގެއިތުރުން މިފަދަ ކަންކަމަކީ މަސްތުވާތަކެތީގެ ވިޔަފާރިއާއި ގޭންގު ކުށްތަކާ ގުޅިފައިވާ ކަންކަންތޯ ސާފުކުރަންޖެހޭ ކަމަށްވެސް  އޭނާ ވިދާޅުވިއެވެ.

ޤާނޫނުތައް ހެދިގެންދާއިރު ހަމައެކަނި މަޖިލިސް މެންބަރުން މާލީ ބަޔާން ހުށަހެޅުމުން ނުފުދޭނެ ކަން ފާހަގަކުރައްވަމުން، ކޮންމެ ރައްޔިތަކުވެސް އެމީހަކު ހޯދާ މުދަލާއި ފައިސާއަށް ޖަވާބުދާރީވާންޖެހޭނެ ކަމަށް އިބްރާހިމް ދީދީ ވިދާޅުވިއެވެ. އެގޮތުން ލިބޭ މުސާރައާއި އާމްދަނީއާ ނުބައްދަލު މިންވަރަކަށް ކުއްލި މުއްސަނދިކަމެއް ލިބޭނަމަ، އެ ފައިސާއެއް ހޯދި އަޞްލު ދައުލަތަށް ސާފުކޮށްދޭންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ދައުލަތުގެ ތެރޭގައި ހިންގާފައިވާ ބޮޑެތި ޚިޔާނާތްތަކާއި ކޮރަޕްޝަންގެ މައްސަލަތަކަށް އަލިއަޅުއްވާލައްވަމުން، ނާޖާއިޒު ގޮތުގައި މުދާ ހޯދާފައިވާނަމަ އެއީ ވަޒީރެއް، ރައީސުލްޖުމްހޫރިއްޔާއެއް ނުވަތަ މަޖިލިސް މެންބަރެއް ކަމުގައި ވިޔަސް އެ މައްސަލައެއް ބެލެންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެފްއޭއެމްގެ ކުރީގެ ރައީސްގެ މުދާ ހިފެހެއްޓި ފަދައިން، ކޮރަޕްޝަނުން މުއްސަނދިވި ހުރިހާ ފަރާތްތަކެއްގެ މުދާވެސް ބަލައި ފިޔަވަޅު އެޅެންޖެހޭނެ ކަމަށް ފާހަގަކުރެއްވިއެވެ.

މި ބިލަކީ ޤައުމާއި ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް ސަރުކާރުން އަޅާ މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވައި، ސިޔާސީ ފާޑުކިޔުންތަކުގެ ބަދަލުގައި މިފަދަ މުހިންމު ޤާނޫނުތަކަށް އިދިކޮޅު ފަރާތްތަކުންވެސް އެއްބާރުލުން ދިނުމަށް އިބްރާހިމް ދީދީ ގޮވާލެއްވިއެވެ.