ޑްރަގް ޓްރެފިކްކުރި މީހަކު 25 އަހަރަށް ޖަލަށްލައި އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި
ގދ. ގަމުގައި ދަނޑުވެރިކަން ކުރާ ސަރަހައްދެއްގައި މަސްތުވާތަކެތި ރައްކާކޮށްގެން އެ ތަކެތީގެ ވިޔަފާރިކުރި މައްސަލައެއްގައި ގދ. ގައްދޫ، ނޫރީގެ، އަލީ ޝަޒީނު 25 އަހަރަށް ޖަލަށް ލުމާއެކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ގައްދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.
އުމުރުން 37 އަހަރުގެ އަލީ ޝަޒީނުގެ މައްޗަށް މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ ދަށުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެގެން މި ހުކުމް އިއްވާފައިވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.
މި މައްސަލައަކީ ގަމުގައި އޭނާ ދަނޑުވެރިކަން ކުރަމުންދިޔަ ބިމެއްގައި މަސްތުވާތަކެތި ރައްކާކޮށްގެން އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން 2021 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 10 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލައެކެވެ. އެ މައުލޫމާތަށް އަމަލުކޮށް، ކޯޓު އަމުރެއްގެ ދަށުން އެ ސަރަހައްދު ބަލައިފާސްކުރިއިރު މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ބާވަތްތަކުގެ އިތުރުން ބަނގުރާވެސް ވަނީ ފެނިފައެވެ.
Ads by BMLފުލުހުން މި މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށްފަހު 2021 ސެޕްޓެމްބަރު 1 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، އޭނާގެ މައްޗަށް ދެ ދައުވާއެއް އުފުލިއެވެ. އެއީ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާއާއި، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ.
ގައްދޫ މެޖިސްޓްރޭޓް ކޯޓުން މައްސަލައިގެ ޝަރީއަތް ނިންމައި އިއްވި ހުކުމުގައި ވަނީ، ދައުލަތުން އޭނާގެ މައްޗަށް އުފުލި ދެ ދައުވާވެސް އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވާކަމަށް ކަނޑައަޅާފައެވެ.
Ads by MACL
