އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޮޑުއަގުގައި ތަކެތި ގަތް މައްސަލަތަކެއް އޮޑިޓުން ފެންމަތިވެއްޖެ
ނިމިދިޔަ ސަރުކާރުގެ ދައުރުގައި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން އުސޫލުތަކާ ހިލާފަށް ގިނަ މުއާމަލާތްތަކެއް ހިންގައި، މާކެޓު އަގަށްވުރެ އިންތިހާއަށް ބޮޑު އަގުގައި ތަކެއްޗާއި ހިދުމަތްތައް ހޯދުމުގެ ސަބަބުން ދައުލަތުގެ މާލިއްޔަތުން ބޮޑެތި އަދަދުތަކެއް އިސްރާފުވެފައިވާކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކުރި ހާއްސަ އޮޑިޓް ރިޕޯޓަކުން ހާމަވެއްޖެއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުއްވި 2022، 2023 އަދި 2024 ވަނަ އަހަރުގެ މާލީ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި އެ ހޮސްޕިޓަލުގެ މާލީ ހިންގުމާ ގުޅޭ 14 މައްސަލައެއް ފާހަގަކޮށްފައިވެއެވެ. އޭގެ ތެރެއިން އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، އާންމުކޮށް ބާޒާރުން ދެކޮޅުޖެހޭ އަގުތަކުގައި ލިބެންހުރި ތަކެތި ހޯދުމަށް ނުހައްގުން ބޮޑެތި ހަރަދުތަކެއް ކޮށްފައިވުމެވެ.
އެގޮތުން ހޮސްޕިޓަލަށް ބޭނުންވާ އާންމު ކޮންސިއުމަބަލްސް ގަތުމަށް ސާމްޕަލްގެ ގޮތުގައި ބެލި 3.08 މިލިއަން ރުފިޔާގެ ތެރެއިން 2.08 މިލިއަނަށްވުރެ ގިނަ ރުފިޔާއަކީ ބާޒާރު އަގަށްވުރެ އިތުރަށް ކޮށްފައިވާ ހަރަދެކެވެ. މީގެ އިތުރުން ލެބޯޓްރީއަށް ބޭނުންވާ ކޮންސިއުމަބަލްސްގެ ތެރެއިން އެންމެ 34,000 ރުފިޔާއަށް ލިބެންއޮތް ވަކި އައިޓަމަކަށް އެކަނިވެސް 1.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަން އޮޑިޓުން ވަނީ ސާފުވެފައެވެ.
Ads by BMLމެޑިކަލް ކޮންސިއުމަބަލްސް ހޯދުމުގެ ނިޒާމު ހަރުދަނާވެފައި ނެތުމުގެ ސަބަބުން ބޭނުންވާ ވަގުތަށް ތަކެތި ނުލިބުމުގެ ދަތިތައް ކުރިމަތިވިކަން ފާހަގަކުރައްވަމުން، އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ސާމްޕަލްގެ ގޮތުގައި ބެލި 23 އައިޓަމަކަށް ހޭދަކުރި 1.96 މިލިއަން ރުފިޔާގެ ތެރެއިން 948,511 ރުފިޔާއަކީ ބާޒާރުން އަގުހެޔޮކޮށް ލިބެން ހުރި ތަކެއްޗަށް އިތުރަށް ކުރި ހަރަދު ކަމަށެވެ.
މާލީ ގަވާއިދުތަކާ ހިލާފަށް އެއްބަސްވުންތައް އުވާލުމަށްފަހު ބޮޑުއަގުގައި މަސައްކަތްތައް ހަވާލުކުރުމުގެ މައްސަލަތަކެއްވެސް ވަނީ ފެންމަތިވެފައެވެ. އެގޮތުން ހޮސްޕިޓަލަށް ވޭނެއް ގަތުމަށް ފުރަތަމަ ވި އެއްބަސްވުން ބާތިލުކުރުމަށްފަހު، އަލުން އިއުލާންކުރުމަކާ ނުލައި އެހެން ފަރާތަކުން ވޭން ގަނެފައިވަނީ 583,000 ރުފިޔާ އިތުރަށް ހޭދަކޮށްގެންނެވެ. އަދި އެއްވެސް ވަރަކަށް ބޭނުން ނުކުރާ ތިން ކޮޓަރިއަކަށް ކުލީގެ ގޮތުގައި ދައުލަތުގެ ބަޖެޓުން 165,000 ރުފިޔާ ދައްކާފައިވާކަންވެސް ވަނީ ފާހަގަކުރެވިފައެވެ.
މީގެ އިތުރުން އިމާރާތްތަކުގެ މަރާމާތުގެ މަސައްކަތްތަކަށް ބަލާއިރު، ހޮސްޕިޓަލުގެ ބޭރުގައި ތަށިމުށި ޖެހުމަށް އެންމެ ކުޑައަގު ހުށަހެޅި ފަރާތުގެ ބީލަން ބާތިލުކޮށް، އަންދާޒާ ކުރި އަގަށްވުރެ އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ އިތުރުކޮށް އެހެން ކުންފުންޏަކާ މަސައްކަތް ހަވާލުކޮށްފައިވެއެވެ. ސެޕްޓިކް އޯޓީ ރޫމާއި އޭސީ ޑަކްޓް މަރާމާތު ކުރުމުގެ މަސައްކަތްވެސް ހަވާލުކުރީ އަންދާޒާ ބަޖެޓަށްވުރެ 173,189 ރުފިޔާ ބޮޑުކޮށެވެ.
މި މުއާމަލާތްތަކުގެ ތެރެއިން ވަކި ފަރާތްތަކަކަށް ނާޖާއިޒު މަންފާތަކެއް ހޯދައިދީ ދައުލަތުގެ މާލިއްޔަތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، މުސްތަގުބަލުގައި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ދައުލަތުގެ މާލިއްޔަތު ގަވާއިދަށް ފުރިހަމައަށް އަމަލުކުރުމަށާއި، ހޮސްޕިޓަލުގެ މާލީ ހިންގުން އިތުރަށް ހަރުދަނާކުރުމަށް އޮޑިޓަރ ޖެނެރަލް ވަނީ އިލްތިމާސް ކުރައްވާފައެވެ.
Ads by MACL
