ނިމުނު ހަފުތާގައި 3.8 ލައްކައަށްވުރެ ގިނަ ރުފިޔާގެ ސްކޭމް ރިޕޯޓްކޮށްފި
ނިމިދިޔަ ހަފުތާގެ ތެރޭގައި އެކި މަންސަތައް މެދުވެރިކޮށް ހިންގި ސްކޭމްތަކުގައި 386,000 އަށްވުރެ ގިނަ ރުފިޔާ އޮޅުވާލައިގެން އަތުލާފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ސެޕްޓެމްބަރު 27 އިން އޮކްޓޫބަރު 3 ވަނަ ދުވަހުގެ ނިޔަލަށް ރިޕޯޓްކުރެވުނު 41 މައްސަލައަކާ ގުޅިގެން ފުލުހުން ކުރި މަސައްކަތުން، ގެއްލުނު ފައިސާގެ ތެރެއިން 381,503 ރުފިޔާ އަލުން އަނބުރާ ހޯދައިދެވިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
މި މުއްދަތުގައި އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ފައިސާ މާރުކުރުމުގެ ނަމުގައި ހިންގި 16 މައްސަލައަކާއި އީކޮމާސްގެ 14 މައްސަލައެކެވެ. މީގެ އިތުރުން އިންވެސްޓްމެންޓް ސްކޭމްގެ 5 މައްސަލައަކާއި އެހެނިހެން ބާވަތުގެ މައްސަލައެއް ހިމެނޭއިރު، މި ކަންކަމަށް އޮންލައިން މެސެޖިންގ އެޕްތަކާއި، އައިބޭ، ޓިކްޓޮކް، ފޭސްބުކް މާކެޓްޕްލޭސްގެ އިތުރުން ފޯނުކޯލާއި ފިޝިންގ ލިންކުތައް ބޭނުންކޮށްފައިވާކަން ފުލުހުން ފާހަގަކުރެއެވެ.
Ads by BMLއޮންލައިންކޮށް ފެންނަ އިޝްތިހާރުތަކާއި ލިބޭ މެސެޖުތަކުގެ ސައްހަކަން ކަށަވަރުކުރުމަށް އިލްތިމާސްކުރަމުން ފުލުހުން ވަނީ އަވަސްއަރުވާލައިގެން ފައިސާ ފޮނުވަން އެދޭ އެއްވެސް ހާލަތެއްގައި އޯޓީޕީ، ޕާސްވޯޑް ނުވަތަ ބޭންކިންގ މައުލޫމާތު އެއްވެސް ފަރާތަކަށް ހިއްސާނުކުރުމަށް އެދިފައެވެ. އަދި ޝައްކުކުރެވޭ ފަދަ ކަމެއް ކުރިމަތިވެއްޖެނަމަ ލަސްނުކޮށް ކަމާބެހޭ އިދާރާތަކަށް ހިއްސާކުރުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ.
ސްކޭމްތަކުގައި ގެއްލޭ ފައިސާ އަނބުރާ ހޯދުމަކީ ނުހަނު އުނދަގޫ އަދި ބުރަ މަސައްކަތެއްކަން ފާހަގަކޮށް ފުލުހުން ބުނީ، ބައެއް ހާލަތްތަކުގައި އެ ފައިސާ އެއްކޮށް ގެއްލިގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
Ads by MACL
