ބޮޑުތަކުރުފާނު މަގު މަޝްރޫޢުގެ ފޭސް 1 ގައި ފިންގަރ ޖެޓީތައް ހެދުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ބޮޑުތަކުރުފާނު މަގު މަޝްރޫޢުގެ ފޭސް 1 ގައި ފިންގަރ ޖެޓީތައް ހެދުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.
މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފޭސް 1 ގެ ސަރަޙައްދުގައި ފިންގަރ ޖެޓީތައް ހެދުމަށްޓަކައި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ޓީމު ބޭނުންވާ ސައިޓަށް މޮބިލައިޒްކޮށް، މަސައްކަތަށް ބޭނުންވާ މެޝިނަރީ ވަނީ ސައިޓަށް ގެންގޮސްފައެވެ.
މި މަޝްރޫޢުގެ ދަށުން ފިންގަރ ޖެޓީތައް ތަރައްޤީކުރުމަށްޓަކައި ބޭނުންވާ ޕްރީ-ކާސްޓް ކޮލަމްތައް މިހާރު ސައިޓަށް ފޯރުކޮށްދެމުންދާއިރު، ކޮލަމްތައް އިންސްޓޯލްކުރުމުގެ މަސައްކަތް މި ހަފުތާގެ ތެރޭގައި ފެށުމަށް ވަނީ ތާވަލުކުރެވިފައެވެ.
Ads by BMLއެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި، އަލަށް ތަރައްޤީކުރެވޭ މި ފިންގަރ ޖެޓީތަކާއެކު ފަޅުގެ އޮޕަރޭޝަންތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. ޚާއްޞަކޮށް ކަނޑުއުޅަނދުފަހަރަށް ދިމާވާ ތޮއްޖެހުން ކުޑަވެ، އުޅަނދުފަހަރު ބަންދުކުރުމަށް ޚާއްޞަ ޖާގަތަކެއް ލިބިގެންދާނެއެވެ.
މީގެއިތުރުން، މި ޖެޓީތަކުގެ ސަބަބުން ކަނޑުއުޅަނދުފަހަރު ފަޅުގައި ބަންދެއުމާއި ފުރައިގެން ދިއުމުގެ ކަންކަން ކުރިއަށްވުރެ މާ ރައްކާތެރިކަމާއެކު އަދި އަވަސްކަމާއެކު ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
މާލޭގެ ބަނދަރުގެ ޚިދުމަތްތައް ހަރުދަނާކޮށް، ތޮއްޖެހުން ކުޑަކުރުމަށްޓަކައި އެމްޓީސީސީން އަންނަނީ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ބަނދަރާއި ފަޅުގެ ސަރަޙައްދަށް މުހިންމު ބަދަލުތަކެއް ގެންނަމުންނެވެ.
Ads by MACL
