ތިލަފުށީ އެމްޕީއެލް ސައިޓްގެ ކީވޯލް ހެދުމާއި ޕޭވިންގ މަސައްކަތުގެ ބޮޑު ބައެއް ނިމިއްޖެ
ކ. ތިލަފުށީ އެމްޕީއެލް ސައިޓުގައި 100 މީޓަރުގެ ކީވޯލް ފަރުމާކުރުމާއި ބިނާކުރުން، އަދި ޕޭވިންގ ހެދުމުގެ މަޝްރޫޢުގެ މުހިންމު ބައެއް މަސައްކަތްތަކެއް ނިމި، އިތުރު މަސައްކަތްތަކެއް ބާރަށް ހިނގަމުންދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫޢުގެ ތެރެއިން ޝީޓް ޕައިލް އިންސްޓޯލްކުރުމުގެ މަސައްކަތާއި ކެޕިންގ ބީމްގެ ރީއިންފޯސްމަންޓް (ދަގަނޑު ބަނުމުގެ) މަސައްކަތްތައް މިހާރު ވަނީ މުޅިން ނިންމާލެވިފައެވެ.
މީގެއިތުރުން، ކީވޯލާ ގުޅިފައިވާ ކައިރި ސަރަޙައްދުގެ ފަސްގަނޑު ކޮމްޕެކްޓް ކުރުމުގެ މަސައްކަތާއި، ލީން ކޮންކްރީޓް އެޅުމުގެ މަސައްކަތުގެ އިތުރުން ކީވޯލްގެ ފަހަތުގައިވާ ސަރަޙައްދުގެ މަސައްކަތްތަކާއި ކޮންކްރީޓް ކުރުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރިއަށެވެ.
Ads by BMLއަދި އެ ސައިޓުގައި މިހާރު ބޭނުންކުރަމުންދާ ކޮންޓޭނާ ޔާޑުގެ ލީން ކޮންކްރީޓް އެޅުމާއި ކޮންކްރީޓް ކުރުމުގެ މަސައްކަތްތައްވެސް ހިނގަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.
މި މަޝްރޫޢާ ބެހޭ އިތުރު މަޢުލޫމާތާއި ފަހުގެ އަދާހަމަތައް އެމްޓީސީސީގެ އޮފިޝަލް ޕްރޮޖެކްޓްސް ވެބްސައިޓް މެދުވެރިކޮށް ބަލައިލެވޭނެއެވެ.
ތިލަފުށީގައި ކުރިއަށްދާ މި މަޝްރޫޢަކީ ބަނދަރުގެ ޖާގަ ތަނަވަސްކޮށް، ކޮންޓޭނާ އޮޕަރޭޝަންތަކާއި ކާގޯގެ ޚިދުމަތްތަކަށް ބޭނުންވާ ވަސީލަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރުމަށްޓަކައި ކުރިއަށްގެންދެވޭ މުހިންމު މަޝްރޫޢެކެވެ.
Ads by MACL
