ތިން ޖީލުގެ ހިނގާލުން، ގުޅުން ބަދަހިކޮށް އުފާވެރި މާހައުލަކުން ބައްދަލުވާނެ މުހިންމު ހަރަކާތެއް!
އާއިލާގެ އެކި ޖީލުތަކުގެ މެދުގައި އޮންނަ ގުޅުންތައް އިތުރަށް ބަދަހިކޮށް، އުފާވެރި މާހައުލެއްގައި އަގުހުރި ވަގުތުތަކެއް ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ޕެންޝަން އޮފީހުން ސިލްސިލާކޮށް ބާއްވަމުންދާ "ތްރީ ޖެނެރޭޝަން ވޯކް" (3ޖެންވޯކް) ގެ ހަތަރުވަނަ އެޑިޝަން މި މަހުގެ 17 ވަނަ ދުވަހު ހދ. ހަނިމާދޫގައި ބޭއްވުމަށް ވަނީ ނިންމައިފައެވެ.
މިއީ ކުޑަކުދިންނާއި ބޮޑެތި މީހުންގެ އިތުރުން ދޮށީ އުމުރުގެ މީހުން ހިމެނޭހެން، މުޅި އާއިލާއަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މުހިންމު ހިނގާލުމެކެވެ. މި ހަރަކާތަކީ ދުޅަހެޔޮކަމާއި މާލީ ރައްކާތެރިކަން އިތުރުކުރުމާއެކު، ފަހަށް ފައިސާ ރައްކާކުރުމާއި، އިންވެސްޓްކުރުން އަދި ރިޓަޔަރމަންޓަށް ތައްޔާރުވުމުގެ މުހިންމުކަމާމެދު އާއިލާގެ މެންބަރުންގެ މެދުގައި ހޭލުންތެރިކަން އުފައްދައި، ރަނގަޅު މާލީ އާދަތަކަށް ބާރުއެޅުމުގެ ގޮތުން އަހަރަކު އެއްފަހަރު ބާއްވާ ހަރަކާތެކެވެ.
"3ޖެން ވޯކް" ގެ އެންމެ ހާއްސަ އަދި މުހިންމު އެއް ބަޔަކީ، އެއް އާއިލާގެ ތިން ޖީލުގެ މެންބަރުން އެކުއެކީގައި ކުރިއަށްގެންދާ 1 ކިލޯމީޓަރުގެ ރަމްޒީ ހިނގާލުމެވެ. ޕެންޝަން އޮފީހުން މައުލޫމާތު ދޭ ގޮތުގައި މި ހިނގާލުމަކީ ހަމައެކަނި ހަށިހެޔޮކަމަށްޓަކައި ކުރިއަށްގެންދެވޭ ކަމެއް ނޫނެވެ. މިއީ މާލީ ގޮތުން ރައްކާތެރި، ތަނަވަސް މުސްތަގުބަލެއް ބިނާކުރުމަކީ ދިރިއުޅުމުގެ ވަކި މަރުހަލާއަކަށް އެކަނި ހާއްސަވެފައިވާ ކަމެއް ނޫންކަމާއި، އެއީ ޅައުމުރުން ފެށިގެން ދޮށީއުމުރާ ހަމައަށް މުޅި އުމުރުދުވަހަށް ދެމިގެންދާ ދަތުރެއްކަން ރަމްޒުކޮށްދޭ ކަމެކެވެ. އަދި މުސްތަގުބަލުގެ މާލީ ރައްކާތެރިކަން ކަށަވަރުކުރުމަކީ އާއިލާގެ ކޮންމެ ޖީލެއްގެ ވެސް ޒިންމާއެއްކަން މި ހިނގާލުމުގެ ތެރެއިން ހަނދާންކޮށްދެއެވެ.
Ads by BMLމި ހިނގާލުމަށްފަހު ހުރިހާ އުމުރުފުރައެއްގެ ބައިވެރިންނަށްވެސް ބައިވެރިވެވޭނެ ފަދަ އުފާވެރި އަދި ފޯރިގަދަ އާއިލީ ހަވީރެއް ކުރިއަށްދާނެކަމަށް ޕެންޝަން އޮފީހުން ބުނެއެވެ. މި ހަވީރުގެ ތެރޭގައި ކުޑަކުދިންނާއި ބޮޑެތި މީހުން ޝައުގުވެރިވާނެ ފަދަ ތަފާތު ކުޅިވަރުތަކާއި، ދިވެހިންގެ ސަގާފަތާއި އާދަކާދަ ދައްކުވައިދޭ ހާއްސަ ހަރަކާތްތައް ހިމެނެއެވެ. މީގެ އިތުރުން، އާންމުންނަށް މުހިންމު މައުލޫމާތުތައް ފޯރުކޮށްދިނުމަށް ގާއިމުކުރެވިފައިވާ ސްޓޯލްތަކާއި، ތަފާތު އެކި ރަހަތައް ހިމެނޭ ފުޑް ކޯޓުގެ އިތުރުން، މުޅި އާއިލާއަށް އެކުގައި ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭނެ އެތައް ހަރަކާތްތަކެއް މި ހަވީރުގައި ކުރިއަށްދާނެއެވެ.
Ads by MACL
