ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މަސްތުވާތަކެތީގެ ބޮޑެތި ކުށްވެރިން ދޫނުކުރެވޭނެހެން ޕެރޯލް ޤާނޫނު ބަދަލުކުރަނީ

ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން --- ފޮޓޯ: ރައީސް އޮފީސް
ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން --- ފޮޓޯ: ރައީސް އޮފީސް

މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ ކުށްވެރިން ޕެރޯލްގެ ދަށުން މުޖުތަމަޢަށް ދޫވުން ހުއްޓުވުމަށްޓަކައި، ޖަލުތަކާއި ޕެރޯލްގެ ޤާނޫނަށް އިސްލާޙު ގެންނެވުމުގެ މަސައްކަތް ސަރުކާރުން ފައްޓަވައިފިއެވެ.

ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، 2013 ވަނަ އަހަރު އަމަލުކުރަން ފެށި ޖަލުތަކާއި ޕެރޯލްގެ ޤާނޫނު ވުޖޫދަށް އައިފަހުން މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް އެކި ބަދަލުތައް އައިސްފައިވާތީ، ޕެރޯލްގެ ނިޒާމު އިތުރަށް ހަރުދަނާކުރަންޖެހޭ ކަމަށެވެ. އަދި އެ ޤާނޫނަށް އިސްލާޙު ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް މައުލޫމާތު ދެއްވި ގޮތުގައި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އުނިކަން ލިބޭނެ އެއްވެސް ނިންމުމެއް ސަރުކާރުން ނުނިންމަވާނެއެވެ. އަދި ނުރައްކާތެރި ބޮޑެތި ކުށްތައް ކުރާ މީހުންނަށް ލުއިދީގެން މުޖުތަމަޢަށް ދޫކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށާއި، މިފަދަ ކަންކަމުގައި އެއްވެސް ޝޯޓްކަޓެއް ނުނަގާނެ ކަމުގެ ޔަޤީންކަންވެސް ވަޒީރު ދެއްވިއެވެ.

ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ ދަށުން ޕެރޯލްގެ އެންމެހައި ކަންކަން ބަލަހައްޓަނީ އެ ޤާނޫނުން އުފައްދާފައިވާ ޕެރޯލް ބޯޑުންނެވެ. މިއީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ އަދި އަޚުލާޤު ރަނގަޅު ގައިދީންނަށް، އެމީހުންގެ ހުކުމުގެ ބާކީބައި ވަކި ޝަރުތުތަކާއެކު މުޖުތަމަޢުގައި ހުރެގެން ތަންފީޒު ކުރުމަށް ދެވޭ ފުރުޞަތެކެވެ.

ޕެރޯލްގެ ދަށުން ދޫކުރެވޭ މީހުން ކަނޑައެޅިފައިވާ އުޞޫލުތަކާ ޚިލާފުވެއްޖެނަމަ ނުވަތަ އިތުރު ކުށެއް ކޮށްފިނަމަ، އެ މީހެއްގެ ޕެރޯލް ބާތިލުކޮށް އަލުން ޖަލަށް ބަދަލުކުރުމުގެ ބާރު ޤާނޫނުން ޕެރޯލް ބޯޑަށް ލިބިދެއެވެ.