ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޤާނޫނު ހަދާ މަޖިލިސްތަކަށް އާންމުންގެ އިތުބާރު ލިބޭނީ ނަތީޖާ ނެރެދީގެން: ޢަބްދުއްރަޙީމް

ޓެންޒޭނިއާގެ އަރުޝާގައި ކުރިއަށްދާ އިންޓަރ-ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ)ގެ 153 ވަނަ އެސެމްބްލީގައި ޢަބުދުއްރަހީމް ތަގުރީރު ކުރައްވަނީ ----
ޓެންޒޭނިއާގެ އަރުޝާގައި ކުރިއަށްދާ އިންޓަރ-ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ)ގެ 153 ވަނަ އެސެމްބްލީގައި ޢަބުދުއްރަހީމް ތަގުރީރު ކުރައްވަނީ ----

ޤާނޫނު ހަދާ މަޖިލިސްތަކަށް އާންމު ރައްޔިތުންގެ އިތުބާރު ގާއިމުކުރެވޭނީ ދެފުށް ފެންނަ ގޮތަށް ކަންކަން ކުރިއަށްގެންގޮސް، ޖަވާބުދާރީވުން އިތުރުކޮށްގެން ސަރީހަ ނަތީޖާ ނެރެދެވޭ ތަންތަނަށް އެތަންތަން ހަދައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޓެންޒޭނިއާގެ އަރުޝާގައި ކުރިއަށްދާ އިންޓަރ-ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ)ގެ 153 ވަނަ އެސެމްބްލީގައި ތަގުރީރު ކުރައްވަމުންނެވެ.

އައިޕީޔޫގެ އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ފާހަގަކުރެއްވީ، ދައުލަތުގެ މުއައްސަސާތައް ހަމައެކަނި ޤާއިމުވެފައި ހުރުމަކުން ހެޔޮވެރިކަމެއް އޮތްކަން ސާބިތުނުވާނެ ކަމަށެވެ. އަދި ވެރިކަން ހިންގުމުގެ ނިޒާމުތަކުގެ ޙަޤީޤީ މިންގަނޑަކީ އެ ތަންތަނުން ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ގައުމަށް ފާގަތިކަން ގެނެސްދިނުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި އަހަރުގެ އެސެމްބްލީގެ މައިގަނޑު ޝިއާރު ކަމުގައިވާ އެންމެންގެ ޝާމިލުވުމާއި އިތުބާރާއި ފުރުޞަތުތައް ފަހިކޮށްދީގެން ހެޔޮވެރިކަން ކުރިއެރުވުމާ މެދު އަލިއަޅުވާލައްވަމުން، ޢަބްދުއްރަޙީމް ވިދާޅުވީ ޤާނޫނު ހަދާ މަޖިލިސްތަކަކީ ރައްޔިތުންގެ އަޑުއަހާ، އެންމެންގެ ބައިވެރިވުން ހިމެނޭ ހުޅުވާލެވިފައިވާ ތަންތަނަށް ހަދަންޖެހޭ ކަމަށެވެ. އަދި ސިޔާސަތުތައް އެކުލަވާލުން ބިނާވާންޖެހޭނީ ސަރީހަ ހެކިތަކުގެ މައްޗަށް ކަމަށާއި، ހެދޭ ޤާނޫނުތަކުގެ އަގުވަޒަންކުރެވެންވާނީ އެއިން ރައްޔިތުންނަށް ލިބޭ އަމަލީ ނަތީޖާއަށް ބަލައިގެން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދައުލަތުގެ ވަސީލަތްތައް ޒިންމާދާރުކަމާއެކު ބޭނުންކުރެވޭކަން ކަށަވަރުކުރުމާއި، މައުލޫމާތު ލިބިގަތުމުގެ ފުރުޞަތު ފަހިކޮށްދީގެން މުޖުތަމަޢުތައް ބާރުވެރިކުރުމަށް މަޖިލިސްތަކުން އިސްކަންދޭންޖެހޭނެ ކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. މީގެއިތުރުން، ޑިމޮކްރަސީ ހަރުދަނާކޮށް ހެޔޮވެރިކަން ކުރިއެރުވުމަށްޓަކައި، އައިޕީޔޫ މެދުވެރިކޮށް ބައިނަލްއަޤްވާމީ ޤާނޫނު ހަދާ މަޖިލިސްތަކާއެކު ގުޅުން ބަދަހިކޮށް މަސައްކަތްކުރުމުގައި ރާއްޖެއިން އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.