ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރައީސް މުޢިއްޒުގެ މާލީ ބަޔާން ދޫނުކުރާ ކަމަށް ބުނެ ފަތުރާ ޚަބަރު ސަރުކާރުން ދޮގުކޮށްފި

ރައީސް މުޢިއްޒުގެ މާލީ ބަޔާން ދޫނުކުރާ ކަމަށް ބުނެ ފަތުރާ ޚަބަރު ސަރުކާރުން ދޮގުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މާލީ ބަޔާންތައް ދޫކުރަން ރައީސް އޮފީހުން ދެކޮޅު ހަދާފައިވާ ކަމަށް ބުނެ އޮންލައިން ނޫހަކުން ފެތުރި ޚަބަރަކީ އެއްވެސް އަސާސެއް ނެތް ކަނޑައެޅިގެން ދޮގު މަޢުލޫމާތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.

ސަރުކާރުގެ ޗީފް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ "އަދަދު" ނޫހުގައި ޝާއިޢުކޮށްފައިވާ އެ ޚަބަރަކީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މާލީ ބަޔާނަކީ ބައްލަވާލައްވަން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓުން ޕީޑީއެފް ފޯމެޓުގައި ފަސޭހަކަމާއެކު ޑައުންލޯޑް ކުރެވޭގޮތަށް އާންމުކޮށްފައިވާ ލިޔުމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އެ މަޢުލޫމާތު ވެބްސައިޓުން ލިބެން ހުންނާނެކަން މީގެ ކުރިންވެސް މީޑިއާތައް މެދުވެރިކޮށް އާންމުކޮށް އިޢުލާންކުރެވިފައިވާނެކަން ފާހަގަކުރައްވައި ތަރުޖަމާނު ވިދާޅުވީ، ސިޔާސީ ބޭނުމެއްގައި ސަރުކާރާއި ރައީސާ ގުޅުވައިގެން ފަތުރާ މިފަދަ ދޮގު މަޢުލޫމާތުތަކުގެ ހަޤީޤަތް ރައްޔިތުންނަށް ހާމަކޮށްދިނުމުގައި ސަރުކާރުން ފަސްނުޖެހޭނެ ކަމަށެވެ.

ޤާނޫނުއަސާސީގެ 120 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވާ ބޭފުޅަކު ކޮންމެ އަހަރަކު އެ ބޭފުޅެއްގެ މުދަލާއި ފައިސާއާއި، އަރަންޏާއި ދަރަނި އަދި ވިޔަފާރީގެ މަސްލަޙަތުތައް ހާމަކޮށް އޮޑިޓަރ ޖެނެރަލަށް މާލީ ބަޔާން ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާއިރު، ރައީސް މުޢިއްޒު ވަނީ މިއަހަރުގެ މޭ މަހުގެ މެދުތެރޭގައި އެމަނިކުފާނުގެ މާލީ ބަޔާން އާންމުކުރައްވާފައެވެ.

އާންމުކުރެވިފައިވާ މާލީ ބަޔާނަށް ބަލާއިރު، ވޭތުވެދިޔަ ހަ މަސްދުވަހު ރައީސް މުޢިއްޒަށް މުސާރައިގެ ގޮތުގައި 285,024 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ. އޭގެ އިތުރުން ހުޅުމާލޭ ރޯހައުސް ކުލީގެ ގޮތުގައި 240,000 ރުފިޔާ އަދި އާއިލާގެ ފަރާތުން ހަދިޔާގެ ގޮތުގައި 180,000 ރުފިޔާ ލިބިވަޑައިގެންފައިވާކަން ބަޔާނުގައިވެއެވެ.

ބޭންކް އެކައުންޓްތަކުގެ ތަފްޞީލަށް ބަލާއިރު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކަރަންޓް އެކައުންޓުގައި 184,845.52 ރުފިޔާ އަދި ސޭވިންގްސް އެކައުންޓުގައި 1,701,470.44 ރުފިޔާ ހުރިއިރު، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ސޭވިންގްސް އެކައުންޓުގައި ހުރީ 1,000 ރުފިޔާއެވެ.

އަދި މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ (އެމްއެފްއެލްސީ) އަށް ލޯނުގެ ގޮތުގައި ދައްކަންޖެހޭ 1,319,265.13 ރުފިޔާގެ ދަރަންޏެއް ރައީސްގެ ނަންފުޅުގައި އޮތްކަން މާލީ ބަޔާނުން އެނގެއެވެ.

ރައީސް މުޢިއްޒުގެ މިލްކިއްޔާތުގައިވާ މުދަލުގެ ތެރޭގައި މ. ދިމްޔާތު، ހުޅުމާލެ އެމްބަރ ޓެރަސް 2، ހއ. ވަށަފަރު ދިމްޔާތު، އަދި މ. ފިގް ގެ އިތުރުން 260,000 ރުފިޔާގެ އަގުހުރި ކާރެއް ހިމެނެއެވެ.