ޙައްޖު ކޯޕަރޭޝަންގެ އުމްރާވެރިންނަށް ރަށްރަށުން ހިލޭ ވެކްސިން ލިބޭނެ މަގު ފަހިކޮށްދީފި
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ޢުމްރާގެ އަޅުކަމަށް ފުރާ ފަރާތްތަކަށް މާލޭގެ އިތުރުން އަތޮޅުތަކުގެ ސިއްހީ މަރުކަޒުތަކުން އެއްވެސް އަގަކާ ނުލައި ވެކްސިން ޖެހޭނެ އިންތިޒާމު މިއަދު ހަމަޖައްސައިފިއެވެ.
މީގެ ކުރިން ޙައްޖު ކޯޕަރޭޝަން މެދުވެރިކޮށް ޢުމްރާއަށް ދާ މީހުންނަށް ހިލޭ ވެކްސިން ޖެހުމުގެ ޚިދުމަތް ލިބެމުން ދިޔައީ ހަމައެކަނި މާލެ ސިޓީންނެވެ.
އަތޮޅުތެރޭގައި ތިބި ޢުމްރާވެރިންނަށް އެ މީހަކު ދިރިއުޅޭ ސަރަޙައްދާ އެންމެ ކައިރި ސިއްހީ މަރުކަޒަކުން ވެކްސިން ލިބޭނެ ގޮތް ހަދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާފައިވާ ޔަޤީންކަމެކެވެ. ޙައްޖު ކޯޕަރޭޝަނުން ބުނީ އަންނަ ނޮވެމްބަރު މަހު ފުރާ ޢުމްރާ ގްރޫޕުން ފެށިގެން މި އިންތިޒާމުގެ ދަށުން ޚިދުމަތް ދޭން ފަށާނެ ކަމަށެވެ.
Ads by BMLމާލެ ސިޓީގައި ތިބި ޢުމްރާވެރިން ވެކްސިން ޖެހުމަށް ކަނޑައަޅާފައި ވަނީ މާފަންނު އަރބަން ޕްރައިމަރީ ހެލްތު ސެންޓަރެވެ. އަތޮޅުތަކުގައި ތިބި މީހުން ވެކްސިން ޖެހުމަށްޓަކައި ޙައްޖު ކޯޕަރޭޝަންގެ "ފަހެލި" ޕޯޓަލް މެދުވެރިކޮށް "ވެކްސިން ޖެހުމަށް އެދޭ ލިޔުން" ނެގުމަށްފަހު، ކައިރީގައިވާ ސިއްހީ މަރުކަޒަކަށް ނުވަތަ ހޮސްޕިޓަލަކަށް ދިޔުމުން ހިލޭ ވެކްސިން ޖެހޭނެއެވެ.
މީގެ އިތުރުން އެ ލިޔުން ހިފައިގެން ދިޔުމުން ސްޓޭޓް ފާމާގެ ބޭސްފިހާރަތަކުން އިތުރު ހަރަދަކާ ނުލައި އިންފްލުއެންޒާ ވެކްސިން ވެސް ގަނެވޭނެ މަގު ވަނީ ފަހިކޮށްދީފައެވެ.
ޙައްޖާއި ޢުމްރާއަށް ދާ ފަރާތްތަކުން ޖަހަންޖެހޭ ވެކްސިންތަކުގެ ތެރޭގައި އިންފްލުއެންޒާ، މެނިންޖައިޓިސް އަދި ޕޯލިއޯ ވެކްސިން ހިމެނެއެވެ. މިއިންތިޒާމުތައް ހަމަޖެއްސުމުގައި ޙައްޖު ކޯޕަރޭޝަނުން އަންނަނީ ކަމާބެހޭ ސަރުކާރުގެ އިދާރާތަކާއި ސްޓޭޓް ފާމާއާ ގުޅިގެން މަސައްކަތް ކުރަމުންނެވެ.
Ads by MACL
