އެކްސިޑެންޓްވީ އެއްސައިކަލަށް ތިންމީހުން އަރައިގެން ވަންވޭއާ އިދިކޮޅަށް ދަނިކޮށް: ފުލުހުން
ހުޅުމާލެ ފޭސް ދޭއްގެ ނިރޮޅުމަގުގައި ރޭ ދަންވަރު ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓް ހިނގަން މެދުވެރިވީ އެއް ސައިކަލުގައި ތިން މީހުން އަރުވައިގެން، ގަވާއިދާ ޚިލާފަށް ވަންވޭއާ އިދިކޮޅަށް ދަތުރުކުރަމުން ދަނިކޮށް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ރޭ ދަންވަރު 2:55 ހާއިރު ހިނގި މި ހާދިސާގައި ޖުމްލަ ފަސް މީހަކަށް އަނިޔާވެފައިވާއިރު، އޭގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި އަނިޔާވި މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ.
ފުލުހުންގެ ތަހުގީގަށް މިހާތަނަށް ހޯދިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި އެކްސިޑެންޓުގައި ހިމެނޭ އެއް ސައިކަލަކީ ވަގަށް ނަގާފައިވާ އުޅަނދެކެވެ. އަދި ގަވާއިދާ ޚިލާފަށް ތިން މީހުން އަރުވައިގެން އެ ސައިކަލު ދުއްވަން އިން މީހާގެ އަތުގައި އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ކަމަށްވެސް ފުލުހުން ފާހަގަކުރެއެވެ.
Ads by BMLމި ނުރައްކާތެރި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ތަހުގީގު ކުރަމުންނެވެ.
Ads by MACL
