ގެސްޓްހައުސްތަކަށް 10 މިލިއަންގެ ފައިނޭންސިންގ ފެސިލިޓީއެއް
ރާއްޖޭގެ ރަށްރަށުގައި ފުޅާވަމުން އަންނަ ލޯކަލް ޓޫރިޒަމް ދާއިރާ އިތުރަށް ވަރުގަދަކޮށް، ގެސްޓްހައުސްތައް ތަރައްޤީކުރުމަށް އެހީތެރިވުމުގެ ގޮތުން ޑޮލަރުން އަނބުރާ ދައްކާ ގޮތަށް ޚާއްޞަ ފައިނޭންސިންގ ފެސިލިޓީއެއް އެސްއެމްއީ ޑިޖިޓަލުން ތަޢާރަފުކޮށްފިއެވެ.
"ޔޫއެސްޑީ ރިޕޭއަބަލް ގެސްޓްހައުސް ފައިނޭންސިންގ" ގެ ނަމުގައި ކުރިއަށްގެންދާ މި ފެސިލިޓީގެ ދަށުން 10 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރުމަށް ވަނީ ނިންމާފައެވެ.
މި ފެސިލިޓީ ކަނޑައަޅާފައިވަނީ އަހަރަކު %7.5 ގެ ކުޑަ ފައިދާ ރޭޓެއްގައެވެ. އަދި ފައިސާ އަނބުރާ ދެއްކުމަށް 15 އަހަރުގެ ދިގު މުއްދަތެއް ލިބޭއިރު، ލޯނު ދައްކަން ފެށުމުގެ ކުރިން 18 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއްވެސް ލިބިގެންދާނެއެވެ.
Ads by BMLމި ފައިނޭންސިންގގެ މައިގަނޑު ބޭނުމަކީ އައު ގެސްޓްހައުސްތައް އަލަށް އިމާރާތްކުރުމަށާއި، މިހާރު ހިންގަމުންދާ ތަންތަން ފުޅާކޮށް މަރާމާތުކޮށް ޒަމާނީ ފެންވަރަށް ބަދަލުކުރުމެވެ. މީގެ އިތުރުން ވިޔަފާރި ހިންގުމަށް ބޭނުންވާ ވޯކިންގ ކެޕިޓަލް ހަމަޖެއްސުމަށާއި، ޓެކްނޮލޮޖީގެ ވަސީލަތްތައް ޤާއިމުކުރުމުގެ އިތުރުން ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ޚިދުމަތްތައް ތަރައްޤީކުރުމަށްވެސް މި ފަންޑު ބޭނުންކުރެވޭނެއެވެ.
އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ފާހަގަކުރެއްވި ގޮތުގައި، މި ފެސިލިޓީއަކީ ޑޮލަރުން އާމްދަނީ ލިބޭ ގެސްޓްހައުސްތަކަށް ލުއި ގޮތެއްގައި ފައިނޭންސް ހޯދައި، އެ ފައިސާ ޑޮލަރުން އަނބުރާ ދެއްކޭނެ މަގުފަހިކޮށްދިނުމަށް ހުޅުވާލި ފުރުސަތެކެވެ. މީގެ ސަބަބުން ލޯކަލް ޓޫރިޒަމަށް ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުވެ، ދާއިރާގެ ކުރިއެރުމަށް ދެމެހެއްޓެނިވި އެހީތެރިކަމެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ޕްރޮގްރާމްގެ އަނެއް މުހިންމު މަޤްޞަދަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ބޭރު ފައިސާ ރާއްޖޭގެ ރަސްމީ ބޭންކިންގ ނިޒާމުގެ ތެރެއިން ދައުރުކުރުމަށް ބާރުއެޅުމެވެ. މި ފެސިލިޓީއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓުގައިވާ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައެވެ.
Ads by MACL
