ރަސްމާލޭގެ ބިޔަ މަޝްރޫޢުގެ އިންވެސްޓަރު އަލައްބާރު މާދަމާ ރާއްޖެ ވަޑައިގަންނަވަނީ
ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢެއް ހިންގުމަށް އެއްބަސްވެފައިވާ ޔޫއޭއީގެ އީގަލްސް ހިލްސް ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރު މާދަމާ ހެނދުނު ރާއްޖެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
އޭނާ ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމުގެ އިތުރުން މަޝްހޫރު ބައެއް މީޑިއާތަކަށް ޚާއްޞަ އިންޓަވިއުތަކެއް ދެއްވުމަށް ވަނީ ރޭވިފައެވެ. އަދި މާދަމާ މެންދުރު މީޑިއާތަކަށާއި ވިޔަފާރިވެރިންނަށް ޚާއްޞަ ފަރިއްކޮޅެއް ދެއްވުމަށް ހަމަޖެހިފައިވާއިރު، މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އޭނާ ފުރާވަޑައިގަންނަވާނީ ހުކުރު ދުވަހުއެވެ.
ދިވެހި ސަރުކާރާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ރަސްމާލޭގެ 500 ހެކްޓަރުގެ ސަރަހައްދުގައި ބައިނަލްއަގުވާމީ ފެންވަރުގެ މެރީނާއަކާއި، މަތީ ފަންތީގެ ރެސިޑެންސްތަކާއި، ވިޔަފާރިއާއި އިޖުތިމާއީ ތަފާތު ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ރަސްމާލެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ހުޅުމާލޭގައި 5،000 ފްލެޓް އިމާރާތްކުރުމުގެ މަސައްކަތް އެ ކުންފުނިން ފަށާނެއެވެ.
Ads by BMLރަސްމާލޭގައި 8،800 އަށްވުރެ ގިނަ ޕްރޮޕަޓީ ތަރައްގީކުރާއިރު، އެ ތަންތަނުގެ ލީސް ރައިޓްސް ވިއްކައިގެން ލިބޭ އާމްދަނީގެ އިންސައްތައިގެ 10 ދައުލަތަށް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖޭގައި އިންވެސްޓްކުރުމުގެ ކުރިން އަލައްބާރު ވަނީ ސީޕްލޭންގައި ރާއްޖޭގެ އެކި ސަރަހައްދުތައް ބައްލަވައި، އެންމެ އެކަށީގެންވާ ސަރަހައްދެއްގެ ގޮތުގައި ރަސްމާލެ ކަނޑައަޅުއްވާފައެވެ.
ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ބުރްޖް ޚަލީފާއާއި ދުބާއީ މޯލް ތަރައްގީކުރި އިމާރް ކުންފުނީގެ ވެސް ވެރިޔާ އަލައްބާރުގެ އީގަލްސް ހިލްސްއަކީ 18 އަށްވުރެ ގިނަ ގައުމުގައި އިންވެސްޓްކޮށް، 45 ހޮޓާ ހިންގަމުން އަންނަ ބައިނަލްއަގުވާމީ ފެންވަރުގެ ރިއަލް އެސްޓޭޓް ކުންފުންޏެކެވެ.
Ads by MACL
