2028 ގެ ރިޔާސީ ޓިކެޓަށް ފައިސަލް އަދި އާޒިމް، ސޯލިހުގެ ބޮޑު ތާއީދާއެކު ވާދަކުރަނީ!
އަންނަ 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އިއުލާނު ކުރައްވައި، އެމަނިކުފާނުގެ ރަނިންމޭޓަކަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ހަމަޖައްސަވައިފިއެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ، ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމަވައި، އާދަމް އާޒިމާއެކު ނުކުންނަވަން ތައްޔާރުވެވަޑައިގެންފައިވާ ކަމަށެވެ.
މި ނިންމެވުމާ ގުޅޭގޮތުން މޭޔަރު އާޒިމް ވިދާޅުވީ، އެމްޑީޕީގެ ވެރިކަމެއްގައި ރައީސަކަށް އަދި ނައިބު ރައީސަކަށްވެސް އެ ޕާޓީއަށް ނިސްބަތްވާ ބޭފުޅުން ތިއްބެވުމަކީ މުހިންމު ކަމެއް ކަމަށް ގަބޫލުކުރެއްވޭތީ، ފައިސަލްގެ ދައުވަތު ގަބޫލުކުރައްވައި ނައިބު ރައީސްކަމަށް ވާދަކުރެއްވުމަށް ނިންމެވީ ކަމަށެވެ.
Ads by BMLމި ނިންމެވުމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރިހަމަ މަޝްވަރާއާއި އެއްބާރުލުމާއެކު، އަދި ޕާޓީގެ ގިނަ އާންމު މެންބަރުންގެ ވެސް ތާއީދާއެކު ނިންމެވި ނިންމެވުމެއް ކަމަށް ފައިސަލް ފާހަގަކުރެއްވިއެވެ.
އަދި ޕްރައިމަރީން ނާކާމިޔާބުވި ނަމަވެސް، އެމްޑީޕީއަށް ވެރިކަން ހޯދައިދިނުމަށްޓަކައި ޕްރައިމަރީ ކާމިޔާބުކުރައްވާ ކެންޑިޑޭޓާއެކު ސާބިތުވެ ހުންނަވައިގެން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަންވެސް ފައިސަލް ވަނީ ދެއްވާފައެވެ.
ފައިސަލްގެ މި ނިންމެވުމާއެކު، ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނު ކުރެއްވި ބޭފުޅުންގެ އަދަދު ވަނީ ހަތަރަކަށް އަރާފައެވެ. މީގެކުރިން ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް، ކުރީގެ ރައީސް އަބްދުﷲ ޝާހިދު އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު ޝަމްހީދު ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ހާމަކުރައްވާފައެވެ.
Ads by MACL
