ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކައުންސިލްތަކަށް ދައުލަތުން ދޫކުރާ ފައިސާގެ މިންވަރު އިތުރުވެ، މިއަހަރުގެ މިހާތަނަށް 1.8 ބިލިއަން ރުފިޔާ ދޫކޮށްފި

ކައުންސިލްތަކަށް ދައުލަތުން ދޫކުރާ ފައިސާގެ މިންވަރު އިތުރުވެ، މިއަހަރުގެ މިހާތަނަށް 1.8 ބިލިއަން ރުފިޔާ ދޫކޮށްފި

ލާމަރުކަޒީ އުސޫލުން ރަށްރަށް ހިންގުމަށްޓަކައި ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ބްލޮކް ގްރާންޓުގެ މިންވަރު އިތުރުވެ، މިއަހަރުގެ ފުރަތަމަ އަށް މަސްދުވަހުގެ ތެރޭގައި އެކަނިވެސް 1.8 ބިލިއަން ރުފިޔާ ދޫކޮށްފިއެވެ. މިއީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން އާންމުކުރި އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުގައިވާ އަދަދުތަކެވެ.

އެ ރިޕޯޓުގައިވާ ގޮތުން މި އަދަދަކީ ފާއިތުވި އަހަރުގެ އެ މުއްދަތުގައި ދޫކުރި 1.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 12 އިންސައްތައިގެ ކުރިއެރުމެކެވެ. މިއަހަރަކީ ރާއްޖޭގައި ކައުންސިލްތަކަށް އެންމެ ބޮޑު ބަޖެޓެއް ކަނޑައެޅި އަހަރަށްވާއިރު، މުޅި އަހަރަށް ބްލޮކް ގްރާންޓުގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ދިނުމަށް ވަނީ އަމާޒުހިފާފައެވެ.

ވޭތުވެދިޔަ އަހަރުތަކުގެ މާލީ ހިސާބުތަކަށް ބަލާއިރު، 2022 ވަނަ އަހަރު ކައުންސިލްތަކަށް 2.2 ބިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. އަދި 2023 ވަނަ އަހަރު ބަޖެޓުކުރި 2.1 ބިލިއަން ރުފިޔާގެ އިތުރުން އަށް މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އަންނަ އަހަރުގެ ބަޖެޓުގައި މި އަދަދު 2.5 ބިލިއަން ރުފިޔާއަށް މަތިކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ދައުލަތަށް ލިބޭ އާމްދަނީއަށް ބިނާކޮށް 2020 ވަނަ އަހަރުން ފެށިގެން ދޫކުރާ މި ފައިސާގެ އެންމެ ބޮޑު ބައެއް ހާއްސަވަނީ ސިޓީ ކައުންސިލްތަކަށެވެ. އެގޮތުން އެންމެ ބޮޑު ހޭދައެއް ކުރެވެނީ މާލޭ ސިޓީ ކައުންސިލަށެވެ.

ކައުންސިލްތަކުގެ މާލީ ބާރުވެރިކަން އިތުރުކުރުމަށްޓަކައި ގްރާންޓް ދިނުމުގެ އުސޫލުތަކަށް ބަދަލުތަކެއް ގެނެސް، އަތޮޅު ކައުންސިލްތައް އުވާލުމާއެކު ރަށު އަދި ސިޓީ ކައުންސިލްތަކަށް ލިބޭ އިންސައްތަ މަތިކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެއިތުރުން ހަމައެކަނި އާބާދީއަށް ބެލުމުގެ ބަދަލުގައި ރަށުގެ ބިމުގެ ބޮޑުމިނަށް ބަލައިގެން ފައިސާ ދޫކުރުމަށް ހަމަޖެހިފައިވާއިރު، މި ބަދަލުތަކުގެ މައިގަނޑު ބޭނުމަކީ ރަށްރަށުގެ ތަރައްޤީގެ މަޝްރޫއުތައް އަވަސްކުރުމެވެ.