ރަސްމާލޭގެ ބިޔަ މަޝްރޫޢުގެ މަޝްވަރާތަކަށް އީގަލް ހިލްސްގެ ޗެއާމަން އަލާއްބާރު މާލެ ވަޑައިގެންފި
ޔޫއޭއީގެ މަޝްހޫރު އީގަލް ހިލްސް ކުންފުނިން ރާއްޖޭގައި ކުރިއަށްގެންދާ 20 ބިލިއަން އެމެރިކާ ޑޮލަރުގެ ރަސްމާލެ ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގެ އަމަލީ މަސައްކަތްތަކާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރެއްވުމަށް އެ ކުންފުނީގެ ޗެއާމަން މުހައްމަދު އަލާއްބާރު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގެ ތެރެއިން ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމުގެ އިތުރުން، މިއަދު މެންދުރުފަހު ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްޞަ ފަރިއްކޮޅެއްގައި އަލާއްބާރު ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި މީޑިއާތަކަށް މުހިންމު މަޢުލޫމާތުތަކެއް ދެއްވުމަށް ހަމަޖެހިފައިވާއިރު، އެމަނިކުފާނު އެނބުރި ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ.
ފާއިތުވި ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ސަރުކާރާއެކު ވެވުނު ތާރީޚީ އެއްބަސްވުމުގެ ދަށުން، ރަސްމާލެއިން ހިއްކާ ބިމުގެ ތެރެއިން 500 ހެކްޓަރުގެ ސަރަޙައްދެއްގައި ބައިނަލްއަޤްވާމީ ފެންވަރުގެ މެރީނާއަކާއި ވޯޓާފްރަންޓް މަންޒިލެއް ތަރައްޤީކޮށް ހިންގުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވަނީ އީގަލް ހިލްސްއާއެކެވެ. މީގެ އިތުރުން ހިއްކާ ބިމުގެ ބާކީ 600 ހެކްޓަރު ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އިޖުތިމާޢީ ބޯހިޔާވަހިކަމަށާއި އާންމުންނަށް ދޫކުރާ ބިންތަކުގެ އިތުރުން މުނިސިޕަލް ޚިދުމަތްތަކަށެވެ.
Ads by BMLހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު ކުރިން ހާމަކުރައްވާފައިވާ ގޮތުގައި، ރަސްމާލޭގެ އަމަލީ މަސައްކަތް ސައިޓުގައި ފެށުމުގެ ކުރިން ހުޅުމާލޭގައި 5،000 ހައުސިންގ ފްލެޓް އެޅުމުގެ މަސައްކަތް އީގަލް ހިލްސްއިން ފަށާނެއެވެ.
"މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫޢުގެ ފުރަތަމަ އަހަރުގެ ތެރޭގައި އެކަނިވެސް 12 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ރާއްޖެއަށް ވަންނާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ. އަދި އޭގެ ފަހުން ކޮންމެ އަހަރަކު 2 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ލިބި، ދައުލަތަށް ސީދާ އާމްދަނީގެ ގޮތުގައި 11 ބިލިއަނަށްވުރެ ގިނަ ޑޮލަރު ވަންނާނެ ކަމަށާއި 54،000 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު އުފެދޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.
މުހައްމަދު އަލާއްބާރަކީ ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ 168 ބުރީގެ ބުރުޖު ޚަލީފާއާއި ދުބާއީ މޯލް ތަރައްޤީކުރި މަޝްހޫރު އެމާރ ޕްރޮޕަޓީސްގެ އިތުރުން އީގަލް ހިލްސްގެ ވެސް ބާނީއެވެ. ދުނިޔޭގެ 18 ޤައުމެއްގައި އީގަލް ހިލްސްއިން ބޮޑެތި މަޝްރޫޢުތައް ހިންގަމުން އަންނައިރު، އޭގެ ތެރޭގައި މަތީ ފެންވަރުގެ 45 ލަގްޒަރީ ހޮޓަލާއި އެކި ފަތުރުވެރި މަންޒިލްތައް ހިމެނެއެވެ.
Ads by MACL
