ތިމަރަފުށީ އައިއެސް ސެލްގެ މައްސަލައިގައި ބައެއް ދައުވާތައް ސާބިތުވެ އަރުޙަމް ފިޔަވައި އެންމެން މިނިވަންވެއްޖެ
ތ. ތިމަރަފުށީގައި އައިއެސް ޖަމާއަތަށް ތާއީދުކޮށް، ރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދޭން ރޭވި ކަމަށް ބުނާ މައްސަލައިގައި ކްރިމިނަލް ކޯޓުން މިއަދު ހުކުމް އިއްވައި، ދައުވާލިބޭ ހަތް މީހުންގެ ތެރެއިން ޢަލީ އަރުޙަމް މުޙައްމަދު ފިޔަވައި ދެން ތިބި އެންމެން ބަންދުން މިނިވަންވެއްޖެއެވެ.
މި މައްސަލައިގައި ހަތް މީހެއްގެ މައްޗަށް އުފުލި ހަތް ދައުވާގެ ތެރެއިން ސާބިތުވެފައިވަނީ ތިން ދައުވާއެކެވެ. އެގޮތުން، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ ސާބިތުވި ޢަބްދުالله ޢިމާދާއި ޢަލީ އަރުޙަމް މުޙައްމަދުގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވި އިރު، ޢަލީ މުނީޒުގެ މައްޗަށް އިއްވީ އެއް އަހަރާއި ނުވަ މަހާއި އެއް ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް، ޝަރީއަތް ނިމެންދެން ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އިމާދާއި މުނީޒު ތަންފީޒު ކުރަންޖެހޭ އިތުރު އަދަބެއް ނެތެވެ.
މީގެ އިތުރުން، ހަނގުރާމައަށް ދާން އުޅުމުގެ ދައުވާ ޢަލީ އަރުޙަމް މުޙައްމަދުގެ މައްޗަށް ސާބިތުވުމާ ގުޅިގެން އޭނާ ފަސް އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފައެވެ. އަދި ޢަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ ޢަބްދުالله ޢިމާދާއި އިބްރާހީމް ލޫތުގެ މައްޗަށް ސާބިތުވެ، އެ ދެ މީހުން އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ހުކުމް ކުރި ނަމަވެސް، ބަންދުގެ މުއްދަތު އުނިކުރުމުން އެ މީހުން ވެސް ވަނީ ތަންފީޒު ކުރަންޖެހޭ އަދަބުން ސަލާމަތްވެފައެވެ.
Ads by BMLމި މައްސަލައިގައި ހިމެނޭ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުމާއި، ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށްވުމާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ އިތުރުން، އެފަދަ އަމަލަކަށް ހިތްވަރު ދިނުމުގެ ދައުވާތައް ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ނިންމާފައެވެ. ކޯޓުން އެ ދައުވާތައް ސާބިތުނުވާ ކަމަށް ކަނޑައެޅި މައިގަނޑު ސަބަބަކީ، މައްސަލައިގެ ހެކީގެ ގޮތުގައި ހުށަހެޅި މޮބައިލް ފޯނަކުން ނެގި ދާޓާތަކުގެ ނަޒާހާތްތެރިކަމާމެދު ސުވާލު އުފެދިފައިވުމެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މަޢުލޫމާތު ދިން ގޮތުގައި، ސާބިތުނުވި ދައުވާތައް އިސްތިއުނާފު ކުރުމާމެދު ގޮތެއް ނިންމާނީ ޝަރީއަތް ނިމުނު ގޮތުގެ ތަފްސީލީ ރިޕޯޓު ލިބުމުންނެވެ.
Ads by MACL
