ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސޯސަން މަގު އެކްސިޑެންޓް: ސައިކަލް ދުއްވި މާހު އެވަގުތު ހުރީ މަސްތުގެ ހާލަތުގައި

ސޯސަން މަގު އެކްސިޑެންޓް: ސައިކަލް ދުއްވި މާހު އެވަގުތު ހުރީ މަސްތުގެ ހާލަތުގައި

މާލޭގެ ސޯސަން މަގުގައި ދެ ސައިކަލް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކު މަރުވި މައްސަލައިގައި ހައްޔަރުކުރި ތ. ދިޔަމިގިލި، އައްސޭރި، މާހު ހަސަން، 21، އެކްސިޑެންޓް ހިނގި ވަގުތު ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ބުނެފިއެވެ. އޭނާގެ ބަންދުގެ މުއްދަތު ހަމަވުމުން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިއަދު ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ.

ކޯޓު އަމުރުގައިވާ ގޮތުން ފުލުހުން މިހާރު އޭނާގެ މައްޗަށް ކުރަނީ ފަރުވާކުޑަ އަމަލެއްގެ ސަބަބުން މީހަކު މަރުވުމުގެ ތުހުމަތެވެ. މީގެއިތުރުން، އެކްސިޑެންޓް ހިނގިއިރު އޭނާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސްވެސް ނެތްކަމަށް ފުލުހުން ބަންދު މަޖިލީހުގައި ވަނީ ބުނެފައެވެ.

އެކްސިޑެންޓް ހިނގި ގޮތުގެ ތަފްސީލަށް ބަލާއިރު، މާހު ސައިކަލް ދުއްވާފައިވަނީ ބާރު ސްޕީޑްގައި، ޒިގްޒެގްކޮށް ނުރައްކާތެރިކޮށެވެ. އޭނާ ދުއްވި ސައިކަލުން ޖެހުނީ އެހެން ސައިކަލެއްގައި ތިބި ދެ މީހުންގެ ގައިގައެވެ.

އެ އެކްސިޑެންޓްގައި އަނިޔާވި ސައިކަލުގެ ފަހަތުގައި އިން ށ. ފޯކައިދޫ، މަގުމަތީގޭ، އާއިޝަތު މާހިދާ، 26، ގެ ސިކުނޑިއަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް، ހާލަތު ބޮޑަށް ގޯސްވެ އޭނާ ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ނިޔާވެފައެވެ.

މާހުއަކީ މީގެ ކުރިންވެސް ގަވާއިދާ ހިލާފަށް ދުއްވައިގެން މި އަހަރުގެ ތެރޭގައި އެކަނިވެސް ހަތަރު ފަހަރެއްގެ މަތިން ހިފަހައްޓައި ޖޫރިމަނާކޮށްފައިވާ މީހެކެވެ.

އަލަށް އަމަލުކުރަން ފެށި އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައިވާ ގޮތުން، ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން މީހަކަށް އަނިޔާއެއް ވެއްޖެނަމަ 100،000ރ. އާއި 500،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެފަދަ ކުށްތަކުގައި ގާނޫނުލްއުގޫބާތުގެ ދަށުން ޖިނާއީ ދައުވާ ކުރުމުގެ ފުރުސަތުވެސް އޮވެއެވެ.