ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މިއަހަރުގެ ފުރަތަމަ 9 މަހު ބީއެމްއެލްއަށް ސާފު ފައިދާގެ ގޮތުގައި 1.93 ބިލިއަން ރުފިޔާ – ތާރީޚީ ރެކޯޑެއް

މިއަހަރުގެ ފުރަތަމަ 9 މަހު ބީއެމްއެލްއަށް ސާފު ފައިދާގެ ގޮތުގައި 1.93 ބިލިއަން ރުފިޔާ – ތާރީޚީ ރެކޯޑެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ތާރީހުގައިވެސް ނުވަ މަސްދުވަހުގެ މުއްދަތެއްގައި އެންމެ ބޮޑު ފައިދާއެއް ހޯދައި، މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 1.93 ބިލިއަން ދިވެހި ރުފިޔާ ލިބިއްޖެއެވެ.

މިއީ 2025 ވަނަ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު ބީއެމްއެލްއަށް ލިބުނު 1.53 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު 26 އިންސައްތައިގެ ކުރިއެރުމެކެވެ. މިއަހަރުގެ ތިންވަނަ ކުއާޓަރުގެ އެކަނި ސާފު ފައިދާއަށް ބަލާއިރު، 647.2 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ފާއިތުވި އަހަރުގެ ތިންވަނަ ކުއާޓަރާ އަޅައިބަލާއިރު 36 އިންސައްތައިގެ އިތުރުވުމެކެވެ.

މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ނެޓް އިންޓަރެސްޓް އިންކަމްގެ ގޮތުގައި 874.8 މިލިއަން ރުފިޔާ ލިބިފައިވާއިރު، އިންޓަރެސްޓް ނޫން އާމްދަނީގެ ގޮތުގައި 377.53 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ބޭންކުން ހާމަކުރި ގޮތުގައި މިފަދަ ރެކޯޑް ނަތީޖާއެއް ހާސިލުކުރެވުނީ އިގްތިސާދުގެ މުހިންމު ދާއިރާތަކަށް ދޫކުރާ ލޯނު އިތުރުވުމާއި، ޑިޕޮސިޓް ބޭސް ފުޅާވުމުގެ އިތުރުން ޑިޖިޓަލް މުއާމަލާތްތައް އިތުރުވުމާ ގުޅިގެންނެވެ.

މި ނަތީޖާއާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ 2026 ވަނަ އަހަރަކީ ބޭންކުގެ ތާރީހުގައި އެންމެ ކާމިޔާބު އަހަރަށް ވެގެންދާނެ ކަމަށެވެ. އަދި ބޭންކުގެ ރައުސްމާލާއި ލިކިއުޑިޓީގެ ތަނަވަސްކަން ވަރުގަދަކޮށް ހުރިއިރު، ކަސްޓަމަރުން ކުރާ އިތުބާރުގެ ސަބަބުން ބެލެންސް ޝީޓް އިތުރަށް ފުޅާވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

މާލީ ހާލަތު ވަރުގަދަކުރުމުގެ ގޮތުން ބޭންކުގެ ކެޕިޓަލް އެޑިކުއެސީ ރޭޝިއޯ ވަނީ 38 އިންސައްތައިގައި ހިފެހެއްޓިފައެވެ. މިއީ ރެގިއުލޭޓަރީ މިންގަނޑުން ލާޒިމުކުރާ 12 އިންސައްތައަށްވުރެ ތިން ގުނަ އިތުރު އަދަދެކެވެ. މީގެއިތުރުން ބޭންކުގެ ޖުމްލަ އެސެޓްސް 65.6 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ނޮން-ޕާފޯމިންގ ލޯނު (ސްޓޭޖް 3) ރޭޝިއޯ ވަނީ 4.8 އިންސައްތައަށް ދަށްކުރެވިފައެވެ.