ކުޅިވަރެއް ކުރިއަރާނީ އެކުޅުންތެރިން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރެވިގެން: ވަޒީރު ރާފިޢު
ކުޅިވަރުގެ ދާއިރާ ކުރިއަރުވައި، ބައިނަލްއަޤްވާމީ ފެންވަރެއްގައި ދެމެހެއްޓެނިވި ކާމިޔާބީތަކެއް ޙާޞިލުކުރެވޭނީ، އެ ދާއިރާގެ ނިޒާމު ހިންގުމުގައި ޝާމިލުވާ ހުރިހާ ބައިވެރިންނާއި ޚާއްޞަކޮށް ކުޅުންތެރިން ކުރާ ބުރަ މަސައްކަތްތައް ބަލައިގަނެ، އެ މަސައްކަތްތަކުގެ ޙައްޤު އަގުވަޒަންކުރެވިގެންކަމަށް ކުޅިވަރާބެހޭ ވަޒީރު ޢަބްދުﷲ ރާފީޢު ހާމަކުރައްވައިފިއެވެ.
ވަޒީރު މިހެން ވިދާޅުވީ، މިރޭ ބޭއްވުނު ޝަރަފްވެރި "އެފްއޭއެމް އެވާރޑް ނައިޓް 2026" ޙަފްލާގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
މިކަމާ ގުޅޭގޮތުން ޝާއިޢުކޮށްފައިވާ ދިރާސާތަކަށް އަލިއަޅުއްވާލައްވަމުން، ކުޅިވަރެއްގެ ޙަޤީޤީ ޖައުހަރާއި ތަރައްޤީ ގުޅިފައިވަނީ ހަމައެކަނި މުބާރާތްތަކުން ލިބޭ ނަތީޖާތަކަކަށް ނޫންކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ނަމަވެސް، އެއީ ގިނަ ފަރާތްތަކެއްގެ މެދުކެނޑުމެއްނެތް މަސައްކަތްތަކެއްގެ ފުރިހަމަ ލާމެހުމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިގޮތުން، ކުޅިވަރުގެ އެންމެ މުހިންމު އަސާސަކީ ކުޅުންތެރިން ދަނޑުމަތީގައި އޮހޮރާ ދަލާއި ކުރާ ހިތްވަރެވެ. އެ ކުޅުންތެރިންގެ ހުނަރު އިތުރަށް ތޫނުކޮށް، ދަނޑުމަތީގައި ސްޓްރެޓެޖިކް (ރޭވުންތެރި) ވިސްނުންތަކެއް ނެރެދެނީ ކޯޗުންގެ ހުށިޔާރު އަދި އީޖާދީ ރޭވުންތަކުންނެވެ.
ހަމައެއާއެކު، ކުޅިވަރުގެ އިންޞާފުވެރިކަމާއި ޤަވާއިދުތަކުގެ ޞައްޙަކަން ހިފަހައްޓައިދެނީ، ރެފްރީން ދަނޑުމަތީގައި ނިންމާ މިނިވަން އަދި އިންޞާފުވެރި ނިންމުންތަކުންކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ފަރުދާގެ ފުރަގަހުގައި ތިބެ، ކްލަބުތަކުގެ މެނޭޖްމަންޓުން ރެޔާއި ދުވާލު ހުއްޓުމެއްނެތި ކުރަމުންދާ އިދާރީ އަދި މާލީ ބުރަ މަސައްކަތްތަކަކީ، މި މުޅި ނިޒާމު ދެމެހެއްޓުމުގެ އެންމެ މުހިންމު އެއް ތަނބުކަމުގައި ވަނީ ވިދާޅުވެފައެވެ
ވަޒީރު ޢަބްދުﷲ ރާފީޢު ވިދާޅުވި ގޮތުގައި، "މި ދެންނެވި ހުރިހާ ފަރާތްތަކެއްގެ ގުޅުން ބަދަހިވެ، އެއް ބަޔަކު އަނެއް ބައެއްގެ މަސައްކަތްތައް ބަލައިގަނެ، އެކަށީގެންވާ ޤަދަރާއި ޙައްޤު އަގު ވަޒަންކުރެވޭނެ މާޙައުލެއް ޤާއިމުކުރެވިގެން މެނުވީ، ކުޅިވަރުގެ ދާއިރާއިން އެދެވޭ ފަދަ ކުރިއެރުމެއް ނުހޯދޭނެ" އެވެ.
އެހެންކަމުން، ކުޅިވަރުގެ މުސްތަޤްބަލު ހަރުދަނާ ބިންގަލެއްގެ މައްޗަށް ބިނާކުރުމަށްޓަކައި، ކުޅުންތެރިންނާއި، ކޯޗުންނާއި، ރެފްރީންގެ އިތުރުން ކްލަބު މެނޭޖްމަންޓުތަކަށް ބޭނުންވާ އެއްބާރުލުން ދީ، އެފަރާތްތަކުގެ އަގުވަޒަންކުރުމުގެ ޤައުމީ ސިޔާސަތެއް އެކުލަވާލުމަކީ މިއަދު ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
މި ޙަފްލާ ނިންމާލާފައިވަނީ، ދިވެހި ކުޅިވަރުގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދި ފަރާތްތަކުގެ ބުރަ މަސައްކަތާއި ހިތްވަރު ޤައުމީ ފެންވަރެއްގައި ބަލައިގަނެ، އެފަރާތްތަކަށް ޝަރަފުގެ އެވޯޑުތައް ހަވާލުކުރުމަށްފަހުގައެވެ.
ވަޒީރުގެ މި އިލްތިމާސާއެކު، ކުރިއަށް އޮތް ތަނުގައި ކުޅިވަރުގެ ހުރިހާ ތަނބުތަކެއްގެ ޙައްޤު އަގު ވަޒަންކުރެވި، ދާއިރާއަށް އައު ދިރުމެއް ލިބިގެންދާނެ ކަމަށް ކުޅިވަރުގެ މާހިރުން އުއްމީދުކުރެއެވެ.
Ads by MACL
