ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

"ރައްޔިތުންގެ އަޑު" ޕްރޮގްރާމްގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު. (ފޮޓޯ ކްރެޑިޓް: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް / އެކްސް)
"ރައްޔިތުންގެ އަޑު" ޕްރޮގްރާމްގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު. (ފޮޓޯ ކްރެޑިޓް: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް / އެކްސް)
އޮންލައިންކޮށް ވިޔަފާރިކުރުމުގައި ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތައް ޙައްލުކުރުމަށް ސަރުކާރުން ޚައްޞަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ރައްޔިތުންގެ ކަންބޮޑުވުންތައް ސީދާ އެމަނިކުފާނާ ހިއްސާކުރުމަށް ކުރިއަށްގެންދާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ 9 ވަނަ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ޕްރޮގްރާމްގައި އާންމުންގެ މީހަކު ވަނީ ޓެމޫ (Temu) ފަދަ އޮންލައިން ޕްލެޓްފޯމްތަކުން ތަކެތި އޯޑަރުކުރުމުގައި މިހާރު ކުރިމަތިވަމުންދާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެނެސްފައެވެ. އެކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އޮންލައިން ޕްލެޓްފޯމްތަކުން ވިޔަފާރިކުރުމުގައި ހުރި ހުރަސްތައް ނައްތާލުމަށް ސަރުކާރުން ރެއާއި ދުވާލު މަސައްކަތް ކުރައްވަމުންދާ ކަމަށާއި، އިރާދަކުރެއްވިއްޔާ އެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށެވެ.
މީގެ އިތުރުން، މި ޕްރޮގްރާމްގައި ބައްދަލުކުރި ލޯފަން ބޭފުޅަކު ވަނީ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދިމާވާ ބައެއް ދަތިތައް ހިއްސާކޮށްފައެވެ. އޭގެ ތެރޭގައި މިސްކިތްތަކުގެ ސަފުތަކާއި ގިބުލަ ފަސޭހައިން ދެނެގަނެވޭނެ އިންތިޒާމެއް ނެތުމާއި، އާރްޓީއެލް (RTL) ބަހުން ދަތުރުކުރާއިރު ބަސް ހުއްޓާ މަންޒިލްތައް ސާފުކޮށް އެނގޭނެ ނިޒާމެއް ޤާއިމްވެފައި ނެތުން ހިމެނެއެވެ.
"ރައްޔިތުންގެ އަޑު" ޕްރޮގްރާމްގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު. (ފޮޓޯ ކްރެޑިޓް: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް / އެކްސް)


އަދި ބޮޑުތަކުރުފާނު މަގު ހަދާފައިވާ ފަދައިން، ކުރިއަށް އޮތް ތަނުގައި ތަރައްޤީކުރާ މަގުތަކަކީ ވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން ބޭނުންކުރެވޭނެ މަގުތަކަކަށް ހެދުމަށް އެބޭފުޅާ ވަނީ އެދިފައެވެ.


މި ހުށަހެޅުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ލޯފަން ފަރާތްތަކާއި ޚާޢްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުން ފާހަގަކުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން އިސްކަންދެއްވައިގެން މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.


"ރައްޔިތުންގެ އަޑު" ޕްރޮގްރާމަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ޚާއްޞަ ސިލްސިލާއެކެވެ. މިހާތަނަށް މި ސިލްސިލާގެ 9 ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ވަނީ ޖުމްލަ 101 ރައްޔިތަކާ ސީދާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ޝަކުވާތަކާއި ހިޔާލުތައް އަޑުއައްސަވާފައެވެ.


އަދި މި ބައްދަލުވުންތަކުގައި ރައްޔިތުން ހުށަހަޅާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުގެ ކަމާގުޅޭ ވުޒާރާތަކާއި އިދާރާތައް ގުޅިގެން ޚާެއްޞަ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.