ރަސްމާލެ މަޝްރޫއާއެކު ދިވެހިންނަށް ވަޒީފާއާއި ތަމްރީނުގެ ތަނަވަސް ފުރުސަތުތަކެއް ހުޅުވިގެންދާނެ: އަލްއައްބާރު
ރަސްމާލެ ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގެ ތެރެއިން ދިވެހިން ތަމްރީނުކޮށް، އެކި ދާއިރާތަކުން އިންސާނީ ވަސީލަތް ބިނާކުރުމަށް ބޮޑެތި ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމަށް އީގަލް ހިލްސްގެ ޗެއަރމަން މުޙައްމަދު އަލްއައްބާރު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި އަލްއައްބާރު ފާހަގަކުރެއްވީ، ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ބޮޑު އިންވެސްޓްމެންޓް މަޝްރޫޢުގައި އެ ކުންފުނީގެ މައިގަނޑު އަމާޒަކީ ދިވެހި ރައްޔިތުންނަށް އެންމެ ބޮޑު ނަފާއެއް ލިބޭނެ ގޮތަށް ކަންކަން ރޭވުން ކަމަށެވެ. އެގޮތުން ކޮންމެ ބޮޑު މަޝްރޫޢެއްވެސް ކާމިޔާބުވަނީ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން އޭގައި ހިމެނިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
ފާއިތުވި 40 އަހަރު ދުބާއީ ތަރައްޤީވެގެން އައި ގޮތުގެ ތަޖުރިބާއަށް އަލިއަޅުއްވާލައްވަމުން އަލްއައްބާރު ވިދާޅުވީ، އުމްރާނީ ތަރައްޤީއާއެކު ރައްޔިތުންނަށް ލިބޭ ފައިދާއާއި އުފެދޭ ވަޒީފާގެ ފުރުޞަތުތަކަކީ އެންމެ މުހިންމު ބައި ކަމަށެވެ. އަދި ޤައުމުގެ ހައިބަތު ދެއްކުމުގެ އިތުރުން ސަރުކާރަށް ޓެކްސްއާއި އާމްދަނީގެ ގޮތުގައި އެކަށީގެންވާ ފައިދާއެއް ލިބެންޖެހޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
Ads by BMLއީގަލް ހިލްސްއިން މިހާރުވެސް ދުނިޔޭގެ 20 ޤައުމެއްގައި ތަފާތު މަޝްރޫޢުތައް ހިންގަމުންދާއިރު، އެއްމެ ބޮޑު އިސްކަމެއް ދެނީ އެ ޤައުމެއްގެ އާކިޓެކްޓުންނާއި ކޮންޓްރެކްޓަރުން ބޭނުންކޮށްގެން މަސައްކަތް ކުރިއަށްދިއުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. މި އުޞޫލުގެ ސަބަބުން ހަމައެކަނި އިމާރާތްތަކެއް ބިނާކުރުމުގެ ބަދަލުގައި، އެ ޤައުމެއްގެ މީހުން ތަމްރީނުކޮށް ގާބިލް ބަޔަކަށް ހެދުމުގެ ފުރުޞަތު ތަނަވަސްވެގެންދާނެއެވެ.
ޔޫއޭއީގެ އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ވޯޓަރފްރަންޓް އަދި މެރީނާ މަޝްރޫޢެއް ތަރައްޤީކުރުމަށް ކޮމާޝަލް ޓާމްސް އެގްރީމެންޓެއްގައި މިހާރު ވަނީ ސޮއިކޮށްފައެވެ. އަދި މިހާރު ކުރިއަށްދަނީ މި މަޝްރޫޢުގެ މައި އެއްބަސްވުން އެކުލަވާލުމުގެ ފަހު މަރުޙަލާގެ މަސައްކަތްތަކެވެ.
Ads by MACL
