ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަލްއައްބާރާ ސަރުކާރު މެންބަރުން ބައްދަލުކުރި ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް: ފަލާޙް

ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާޙް ----
ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާޙް ----

އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުހައްމަދު އަލްއައްބާރާ ސަރުކާރުގެ މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުން ބައްދަލުކުރެއްވި ކަމަށް ބުނެ ފަތުރަމުންދަނީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށް ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާޙް ވިދާޅުވެއްޖެއެވެ.

އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާޙް ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ އެއްވެސް މެންބަރަކު ބޭރުގެ އެއްވެސް އިންވެސްޓަރަކާއެކު ބައްދަލުކޮށް، ކައިބޮއެ ނުވަތަ މަޝްވަރާކޮށްފައި ނުވާނެ ކަމަށެވެ.

https://twitter.com/IbrahimFalahR/status/2108457820236718378

ފަލާޙް މިހެން ވިދާޅުވީ "އަދަދު" ނޫހުގެ ކޮލަމެއްގައި، ރަސްމާލެ މަޝްރޫޢާ ގުޅިގެން ރާއްޖެ ވަޑައިގެން އުޅުއްވާ އަލްއައްބާރު، މާލެ ކައިރީގައިވާ ރިސޯޓެއްގައި ބޭއްވި ނުރަސްމީ ބައްދަލުވުމެއްގައި ޕީއެންސީގެ މެންބަރުންނަށް އެ މަޝްރޫޢުގެ މަޢުލޫމާތު ދެއްވި ކަމަށް ބުނެފައިވާތީ އެކަމަށް ރައްދު ދެއްވަމުންނެވެ.

ޔޫއޭއީގެ އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން މިހާރު ވަނީ ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ވޯޓަރފްރަންޓް އަދި މެރީނާ މަޝްރޫޢެއް ތަރައްޤީކުރުމަށް ކޮމާޝަލް ޓާމްސް އެގްރީމެންޓެއްގައި ސޮއިކޮށްފައެވެ. އަދި މި މަޝްރޫޢުގެ މައި އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.