ދިވެހިންގެ މެދުގައި މަގުބޫލު މަންޒިލް، ވިއެޓްނާމަށް ސީދާ ދަތުރުތައް ފަށަން ނިންމައިފި
ވިއެޓްނާމުގެ މަގުބޫލު ބަޖެޓް އެއާލައިން، ވިއެޓްޖެޓުން ރާއްޖެއަށް ކުރާ ސީދާ ދަތުރުތައް އަންނަ ޑިސެމްބަރު މަހު ފެށުމަށް ނިންމައި، ހާއްސަ ޕްރޮމޯޝަނަލް އަގުތަކެއްގައި ޓިކެޓު ވިއްކަން ފަށައިފިއެވެ.
އެ އެއާލައިނުން ހާމަކޮށްފައިވާ ގޮތުގައި، ވިއެޓްނާމާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 5 ގައެވެ. މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ އެއާބަސް އޭ320 މަރުކާގެ ބޯޓުތަކުގައެވެ. އާ ދަތުރުތަކުގެ ދަށުން ހޯ ޗީ މިން ސިޓީ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ހަފްތާއަކު ތިން ދުވަހު ދަތުރުކުރާނެއެވެ. އެއީ ކޮންމެ ހަފްތާއެއްގެ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ.
ފަހަކަށް އައިސް ދިވެހިންގެ މެދުގައި ޗުއްޓީ ހޭދަކުރުމަށް މަގުބޫލު މަންޒިލަކަށް ވެފައިވާ ވިއެޓްނާމުގެ އިތުރުން، އެ އެއާލައިނުން ވަނީ ކަޒަކިސްތާނާއި ޗެކް ރިޕަބްލިކަށް ވެސް ދަތުރުތައް ފެށުމަށް ނިންމައިފައެވެ.
Ads by BMLއާ މަންޒިލްތަކަށް ދަތުރުތައް ފެށުމުގެ މުނާސަބަތުގައި، ޓެކްސް އަދި އެހެނިހެން ފީތައް ނުހިމަނައި "0 ޑޮންގް" އަށް ވިއްކާ އިކޮނޮމީ ޓިކެޓުތަކެއް ވިއެޓްޖެޓުން ވަނީ ތައާރަފުކޮށްފައެވެ. ވަކި އަދަދަކަށް ދޫކުރާ މި ޓިކެޓުތައް ގަންނަ ފަރާތްތަކުން ދައްކަން ޖެހޭނީ ހަމައެކަނި ޓެކްސް އަދި ފީގެ ގޮތުގައި އަރާ އަދަދެވެ. މީގެ އިތުރުން، އެ އެއާލައިންގެ ޑިލަކްސް ކްލާހުގެ ޓިކެޓުތަކުން %20 ގެ ޑިސްކައުންޓެއް ވެސް ލިބޭނެއެވެ.
މި ހާއްސަ ޕްރޮމޯޝަންގެ ދަށުން ޓިކެޓު ގަތުމުގެ ފުރުސަތު މި ހަފްތާގެ ހޮނިހިރު ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.
Ads by MACL
