ރާއްޖޭގެ މާލީ ސިޔާސަތު ކާމިޔާބުކަން މޫޑީސްގެ ނިންމުމުން ސާބިތުވެއްޖެ: ޝުޖާއު
ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ މޫޑީސްއިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރުމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ މާލީ ސިޔާސަތުތަކުގެ ހަރުދަނާކަން ވަރަށް ސާފުކޮށް ސާބިތުވެގެން ގޮސްފައިވާ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި، އިދިކޮޅު ފަރާތްތަކުންނާއި ކުރީގެ ރައީސުން ސަރުކާރުގެ އިގުތިސާދީ ފިޔަވަޅުތަކާ މެދު ރައްޔިތުންގެ ހިތްތަކުގައި ނުބައި ތަސައްވުރެއް އުފެއްދުމަށް ދައްކަމުންދިޔައީ އެއްވެސް ހަގީގަތެއް ނެތް ދެކޮޅު ނުޖެހޭ ވާހަކަތަކެކެވެ. ނަމަވެސް މޫޑީސްގެ އެންމެ ފަހުގެ ނިންމުމާ އެކު، އެމްޑީޕީގެ ވެރިކަމުގައި ގައުމު ވެއްޓުނު މާލީ އަނދަވަޅުން ސަލާމަތްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ކާމިޔާބުވަމުންދާކަން ވަނީ ހާމަވެފައެވެ.
ރާއްޖޭގެ ކްރެޑިޓް ރޭޓިން 'ސީއޭއޭ2' އިން 'ސީއޭއޭ1' އަށް މަތިކޮށް، އައުޓްލުކް 'ސްޓޭބަލް' އަށް މޫޑީސްއިން ބަދަލުކުރީ ދަރަނި އަދާކުރުމުގައި ސަރުކާރުން ހޯދާފައިވާ ބޮޑެތި ކުރިއެރުންތަކަށް ރިއާޔަތްކުރުމަށްފަހުއެވެ. މީގެ ތެރޭގައި މިއަހަރުގެ އޭޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކާއި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވަޕް ފެސިލިޓީ އަނބުރާ ދެއްކުން ހިމެނެއެވެ.
Ads by BMLhttps://twitter.com/IbrahimShujaau/status/2108423934748340436
އޭގެ އިތުރުން މެއި އަދި ސެޕްޓެމްބަރު މަހު ޖުމްލަ 100 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލް ދައްކައި ނިންމުމާއި، 100 މިލިއަން ޑޮލަރުގެ ޔޫރޯބޮންޑެއް ދެއްކުމުގެ މުއްދަތު 2031 ވަނަ އަހަރަށް ފަސްކުރެވުމަކީވެސް މާލީ ހަމަޖެހުން ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅުތަކެކެވެ.
މާލީ ވުޒާރާއިން ފާހަގަކުރާ ގޮތުގައި، މި ނިންމުންތަކާ އެކު ކުރުމުއްދަތުގައި ދަރަނި އަދާކުރުމަށް އޮތް ބޮޑު ބުރަ ވަނީ ވަރަށް ބޮޑަށް ލުއިވެފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ދަރަނި ނުދެއްކިދާނެ ކަމަށް އޮތް ބިރުވެރިކަން ކުޑަވެ، ގައުމުގެ މާލީ އިގުތިސާދީ ރައްކާތެރިކަން ވަނީ އިތުރަށް ކަށަވަރުވެފައެވެ.
Ads by MACL
