މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ފިލްމީ ތަރިންގެ ބަންދަށް 15 ދުވަސް
ވިލިމާލޭގެ ގެއަކަށް ބާރުގެ ބޭނުންކޮށްގެން ވަދެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ފިލްމީ ދާއިރާގެ މަޝްހޫރު ތަރިންނާއި އެ މީހުންނާ އެކުގައި ތިބި ހަތަރު މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފިއެވެ.
މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ވ. ސިނަމާލެ 4 3-03 / މާލެ، އަޙްމަދު ޢަޒްމީލް (44އ) އާއި، ގ. ފްލައިންގޓައިގަރ / މާލެ، އިސްމާޢީލް ޖުމައިޙު (35އ) އާއި، މަތިމަރަދޫ. ކޮންކީލިޔާ / ލ. ގަން، މުޙައްމަދު ވިޝާލް (29އ) އަދި އަޒްމީލުގެ ކޮއްކޮ ވ. ސިނަމާލެ 4 3-03 / މާލެ، ޝާހިލް މުޙައްމަދު (42އ) އެވެ.
ފުލުހުން ކޯޓުގައި ބުނެފައިވަނީ އެންޓި-ނާކޮޓިކްސް އޮޕަރޭޝަނެއްގައި މި މީހުން ތިބި ކޮޓަރިއަށް ފުލުހުން ވަތްއިރު، އެތަނުގައި ހުރި މޭޒެއްގެ މަތީގައި މަސްތުވާތަކެތި ހުރީ އެއްވެސް ނިވާކަމެއް ނެތި ހާމައަށް ކަމަށެވެ. އަދި އެ ކޮޓަރިން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަށް ބަލާއިރު، ގާނޫނީ ގޮތުން ޓްރެފިކިންގެ މިންގަނޑަށް އަރާވަރަށް ތަކެތި ހުރި ކަމަށް ފުލުހުން ވަނީ ބަންދު މަޖިލީހުގައި ފާހަގަކޮށްފައެވެ.
Ads by BMLމި ހަތަރު މީހުންގެ މައްޗަށްވެސް ފުލުހުން ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރާ ކަމުގެ ތުހުމަތެވެ. އަދި ހައްޔަރުކުރެވުނު މީހުންގެ ތެރެއިން އިސްމާއީލް ޖުމައިހު ފިޔަވައި، ދެން ތިބި ތިން މީހުންނަކީވެސް މީގެކުރިން ކުށުގެ ރެކޯޑު އޮންނަ މީހުން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ރާއްޖޭގެ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނެސްފައިވާ އެންމެ ފަހުގެ އިސްލާހުގައިވާ ގޮތުން، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް ސާބިތުވާ މީހުންނަށް ކަނޑައަޅާފައިވަނީ މަރުވަންދެން ޖަލުގައި ބަންދުކުރާ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ. މީގެއިތުރުން އެފަދަ ކުށްތައް ސާބިތުވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ މާފު ދިނުމާއި ޕެރޯލްގެ ދަށުން މިނިވަންވުންވެސް ގާނޫނުން ވަނީ މަނާކޮށްފައެވެ.
Ads by MACL
