މާލެ ސަރަހައްދުގެ ބައު ހުރިހާ މިސްކިތްތަކެއް ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި އައުކޮށް ނިމޭނެ: ވަޒީރު ޑރ. ޝަހީމް
ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މާލެ ސަރަޙައްދުގައި ހުރި ބައު ހުރިހާ މިސްކިތްތަކެއް އައުކޮށް، މާލެ ސިޓީއަކީ ރީތި މިސްކިތްތަކެއް ހުރި ތަނަކަށް ހައްދަވާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ވިލިމާލޭގައި ހުންނަ 'މަސްޖިދުއްސަލާމް' މިހާރު ހުރި ބިމުގައި ބިނާކުރާ ޒަމާނީ އައު މިސްކިތުގެ ބިންގާ އަޅުއްވައިދެއްވުމަށްފަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު ޑރ. ޝަހީމް ވިދާޅުވި ގޮތުގައި، ވިލިމާލޭގެ 'މަސްޖިދުއްސަލާމް' އަކީ ފާއިތުވި 25 އަހަރުވެސް އެ ސަރަޙައްދުގެ ރައްޔިތުން ބޭނުންކުރަމުން އައި ދުވަސްވީ މިސްކިތެކެވެ. އެހެންނަމަވެސް، އެ މިސްކިތް މިހާރު ހުރީ ވަރަށް ބޮޑަށް ބައުވެ، އަލުން ތަރައްޤީކުރަން ޖެހިފައި ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މި މަޝްރޫޢަކީ ވިލިމާލޭގައި ބިނާކުރެވޭ އެންމެ ރީތި މިސްކިތަށް ވެގެންދާނެ ކަމަށާއި، މިނިސްޓްރީގެ އުންމީދަކީ ވީ އެންމެ އަވަހަކަށް މަސައްކަތް ނިންމައި ރައްޔިތުންނަށް މިސްކިތް ހުޅުވައިލުން ކަމަށްވެސް ވިދާޅުވިއެވެ.
Ads by BML
މާލެ ސަރަޙައްދުގެ މިސްކިތްތައް އައުކުރުމަށް ކުރިއަށްދާ ސިޔާސަތުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މާލެ ސަރަޙައްދުން ބައުވެފައިވާ މިސްކިތްތަކުގެ ތެރެއިން އެއް މިސްކިތް ފިޔަވައި އެހެން ހުރިހާ މިސްކިތްތަކަކަށް ދީލަތި ފަރާތްތަކުގެ އެހީ (ސްޕޮންސަރ) ލިބި، ޢަމަލީ މަސައްކަތްތައް ފެށިފައިވާ ކަމަށެވެ.
އަދި ބާކީ އޮތް ހެންވޭރުގެ މިސްކިތަށްވެސް މިހާރު ދީލަތި ފަރާތެއްގެ އެހީތެރިކަން ލިބިފައިވާތީ، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މާލެ ސަރަޙައްދުގެ ހުރިހާ ބައު މިސްކިތްތަކެއް ހުންނާނީ މުޅިން އައުކުރެވިފައި ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.
އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން މަޢުލޫމާތުދޭ ގޮތުގައި، ރާއްޖޭގެ އިސްލާމީ ދާއިރާ ކުރިއެރުވުމަށްޓަކައި މިހާރުވެސް ޤައުމީ ފެންވަރުގައި 70 އަށްވުރެ ގިނަ މަޝްރޫޢު ދަނީ ބާރު ދުވެލީގައި ހިންގަމުންނެވެ.
މީގެ ތެރޭގައި އައު މިސްކިތްތައް ބިނާކުރުމާއި، އިސްލާމީ މަރުކަޒުތައް ޤާއިމުކުރުމާއި، ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް އުފެއްދުމުގެ އިތުރުން ވަޤުފު ޢިމާރާތްތައް ބިނާކުރުމުގެ ބޮޑެތި މަޝްރޫޢުތައް ހިމެނެއެވެ.
Ads by MACL
