ހުޅުމާލެ ފޭސް 2 ގެ އަމާން އުދަރެސް ޓަވަރުތަކުގެ މެދުގައި އަލިފާނަށް ހޭލުންތެރިކުރުމުގެ ސެޝަނެއް ބާއްވައިފި!
ހުޅުމާލެ: ހުޅުމާލެ ފޭސް 2 ގެ އަމާން އުދަރެސް ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އަމާޒުކޮށްގެން، އަލިފާނުގެ ޙާދިސާތަކުން ރައްކާތެރިވުމާ ގުޅޭ ޚާއްޞަ ހޭލުންތެރިކުރުމުގެ ސެޝަނެއް އިނާމުތަކަކާއެކު ބާއްވައިފިއެވެ.
މި މަހުގެ 9 ވަނަ ދުވަހުގެ ރޭ ކުރިއަށްގެންދިޔަ މި ސެޝަނަކީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއާއި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގުޅިގެން ހިންގި ޙަރަކާތެކެވެ.
މި ސެޝަން ކުރިއަށްދިޔައީ އަމާން އުދަރެސް ޓަވަރު 15 އަދި 16 އާ ދެމެދު އޮންނަ ހުސްޖާގައިގައެވެ. އަދި މި ޙަރަކާތުގައި ޓަވަރު 13، 14، 15 އަދި 16 ގައި ދިރިއުޅޭ ގިނަ ޢަދަދެއްގެ ޢާންމު ރައްޔިތުން ބައިވެރިވެފައިވެއެވެ.
އެމްއެންޑީއެފްގެ ތަޖުރިބާކާރު ފަޔަރފައިޓަރުން ނަގައިދިން މި ސެޝަނުގައި، އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކުގެ އިތުރުން، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތު ވަނީ ޙިއްޞާކޮށްފައެވެ.
މީގެއިތުރުން، ޢާންމު ދިރިއުޅުމުގައި ބޭނުންކުރާ އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓް ރަނގަޅު ގޮތުގައި ބޭނުންކުރާނެ ގޮތްތަކާއި، ޚާއްޞަކޮށް ބަދިގޭގައި ހިނގާ އަލިފާނުގެ ޙާދިސާތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ މުހިންމު މަޢުލޫމާތު ދީފައިވެއެވެ.
Ads by BMLމި ސެޝަނުގެ ތެރެއިން ބައިވެރިންނަށް ޢަމަލީ ގޮތުން އަލިފާން ނިއްވާނެ ގޮތް ދައްކައިދީ، އެ ހުނަރުތައް ވަނީ އުނގަންނައިދީފައެވެ. އަދި ޙަރަކާތް ނިންމާލުމުގެ ގޮތުން، ބައިވެރިންގެ މެދުގައި ގުރުއަތެއް ނަގައި، ހޮވުނު ނަސީބުވެރި ފަރާތަށް ވަނީ ޚާއްޞަ އިނާމެއް ވެސް ޙަވާލުކޮށްފައެވެ.
Ads by MACL
