އާބާދީގައި 1000 މީހުން ހަމަވާ، އެއާޕޯޓު އޮންނަ ކޮންމެ ރަށެއްގައި ޕާސްޕޯޓުގެ ޚިދުމަތް ފަށަނީ!
ރަށުގައި ދިރިއުޅޭ އާބާދީ 1,000 އަށް ވުރެ މަތި، އަދި އެއާޕޯޓު އޮންނަ ކޮންމެ ރަށަކުން ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާން ވިދާޅުވީ، އަންނަ ފެބްރުއަރީ މަހުގެ ނިޔަލަށް އެފަދަ ރަށްރަށުގައި ޕާސްޕޯޓުގެ ޚިދުމަތް ފެށޭނެ ކަމަށެވެ.
އަދި މި ނިންމެވުމާ އެއްގޮތަށް ބެލި ބެލުމުން އިތުރު ހަތަރު ރަށެއްގައި އެ ޚިދުމަތް އަލަށް ފަށަންޖެހޭކަން ފާހަގަކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ މާލެއަށް ނާދެވޭ ގޮތަށް، ރަށްރަށުގައި ތިބެގެން ޕާސްޕޯޓާއި އައިޑީކާޑުގެ ޚިދުމަތް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ ދަށުން ނިންމެވި ނިންމެވުމެކެވެ.
Ads by BMLވަޒީރު ޢަލީ އިޙްސާން ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ރާއްޖޭގައި ޕާސްޕޯޓުގެ ޚިދުމަތް ލިބެމުންދިޔައީ އެންމެ 5 ސަރަހައްދަކުންނެވެ. ނަމަވެސް، މިހާރު ރާއްޖޭގެ 39 ރަށަކުން އެ ޚިދުމަތް ލިބެމުންދާ ކަމަށާއި، ރާއްޖޭގެ އިތުރުން މެލޭޝިއާ އަދި ސްރީލަންކާގައި ހުންނަ ދިވެހި މިޝަންތަކުންވެސް މިހާރު ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދެމުންދާކަން ވަޒީރު ހާމަކުރެއްވިއެވެ.

ޕާސްޕޯޓު ސްޓޮކް ލިބުމުގައި ދާދިފަހުން ދިމާވި ދަތިތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އެފަދަ ކަމެއް މެދުވެރިވިޔަ ނުދިނުމަށްޓަކައި ޕާސްޕޯޓު ބުކްލެޓްގެ އެކަށީގެންވާ ސްޓޮކެއް އަބަދުވެސް ރާއްޖޭގައި ގާއިމުކޮށްފައި ބެހެއްޓުމަށް ނިންމަވާފައިވާ ކަމަށެވެ.
ވޭތުވެދިޔަ 10 އަހަރު ދުވަހުވެސް ރާއްޖެއަށް ޕާސްޕޯޓު ބުކްލެޓް ފޯރުކޮށްދެމުންދަނީ ޖަރުމަނުވިލާތުގެ ކުންފުންޏެއްގެ ޕްރިންޓް ހައުސްއަކުންކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އެއީ މިހާތަނަށް އެއްވެސް މައްސަލައެއް ދިމާވެފައިވާ ފަރާތެއް ނޫން ކަމަށެވެ.
ދެކުނުއިރުމަތީ އޭޝިއާގެ ގައުމުތަކުގެ ތެރެއިންވެސް ރާއްޖެއަކީ އެންމެ ވަރުގަދަ ޕާސްޕޯޓު އޮތް ގައުމަށް ވުމާއެކު، ސަލާމަތީ ސަބަބުތަކަށްޓަކައި ކޮންމެ ކޮންމެ ބަޔަކާ މި މަސައްކަތް ހަވާލުކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށާއި، އޭގެ ބަދަލުގައި މަލްޓިޕަލް ސަޕްލަޔަރުން ގެންގުޅުމުގެ ބަދަލުގައި ބުކްލެޓްގެ ބެކްއަޕް ސްޓޮކެއް ބަހައްޓައިގެން ޚިދުމަތް އޮމާންކަމާއެކު ކުރިއަށްގެންދިއުމަށް ވަނީ ނިންމަވާފައެވެ.
ޕާސްޕޯޓު ދޫކުރުން ލަސްވުމުގެ ސަބަބުން ބެކްލޮގްގައި 2,646 އެއްހާ ޕާސްޕޯޓު ރިކުއެސްޓް އޮތް ނަމަވެސް، އަލަށް ލިބުނު ސްޓޮކާއެކު ކުރިއަށް އޮތް 5 ދުވަހުގެ ތެރޭގައި އެ ބެކްލޮގް އެއްކޮށް ކްލިއާކުރުމުގެ މަސައްކަތް މޯލްޑިވްސް އިމިގްރޭޝަނުން ދަނީ ކުރަމުންނެވެ.
އިމިގްރޭޝަނުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ރާއްޖޭގައި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 350 ޕާސްޕޯޓު ރިކުއެސްޓް ހުށަހަޅައެވެ.
Ads by MACL
