ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަޤުވާމީ މިންގަނޑަށް ފެއްތުމުގެ ޢަމަލީ މަސައްކަތް ފަށައިފި!
ހުޅުމާލޭގައި ގާއިމުކޮށްފައިވާ ސިންތެޓިކް ޓްރެކް، ދުނިޔޭގެ އެތުލެޓިކްސްގެ މައި އިދާރާ (ވޯލްޑް އެތުލެޓިކްސް) ގެ މިންގަނޑުތަކަށް ފެތޭގޮތަށް އަލުން އެޅުމުގެ ޢަމަލީ މަސައްކަތް މިހާރު ވަނީ ރަސްމީކޮށް ފަށާފައެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މި ހިނގާ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުއެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ މިހާރު ހުޅުމާލޭގައި އޮތް ޓްރެކަކީ ބައިނަލްއަޤްވާމީ މިންގަނޑަށް ފެތޭ ތަނަކަށް ނުވާތީ، ދިވެހި އެތުލީޓުން ހަދާ ރެކޯޑްތައް ރަސްމީކޮށް ބަލައިގަންނަ ފެންވަރަށް އެތަން ތަރައްޤީކުރުމެވެ.
މިއީ ރާއްޖޭގެ އެތުލެޓިކްސް ކުރިއަރުވައި، ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކަށް ދިވެހި ދުވުންތެރިން ތައްޔާރުވުމަށް ފަހި މާޙައުލެއް ބިނާކުރުމަށް ފެށިގެންދިޔަ މުހިންމު މަސައްކަތެކެވެ.
މި މަޝްރޫޢުގެ ދަށުން ހުޅުމާލޭ ޓްރެކް ބަދަލުވެގެންދާނީ ފެންވަރު ރަނގަޅު "ފުލް ޕީ.ޔޫ" (ޕޮލިއުރެތޭން) ސިންތެޓިކް ޓްރެކަކަށެވެ. މިއީ ބައިނަލްއަޤުވާމީ ބޮޑެތި މުބާރާތްތަކުގައި ވެސް ބޭނުންކުރާ، ދުވުންތެރިންނަށް އެންމެ ރައްކާތެރި އަދި ފަސޭހަ މިންގަނޑެވެ.
Ads by BMLމަސައްކަތް ކުރިއަށްދާ ގޮތަށް ބަލާއިރު، މިހާރު ވަނީ ބޭނުންވާ ހުރިހާ ސާމާނަކަށް އޯޑަރުދީ، ޓެކްނިކަލް ކުރެހުންތައް ނިންމާފައެވެ. އަދި މި މަސައްކަތް ކުރިއަށްދާނީ ކުރީގެ މެޓީރިއަލް އާއި ބޭސް (ތަޅުންގަނޑު) އެއްކޮށް ނެގުމަށްފަހު އާ ޓްރެކެއް އަޅައިގެންނެވެ.
ހަލުވިކަމާއެކު ކުރިއަށްދާ މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށް އޮތް ޖެނުއަރީ މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކުރެވެއެވެ.
މި ބަދަލާއެކު ދިވެހި އެތުލީޓުންނަށް ބައިނަލްއަޤުވާމީ ފެންވަރުގެ ވަޞީލަތްތަކާއެކު ތަމްރީނުވުމުގެ ފުރުޞަތު ހުޅުވި، ރާއްޖޭގައި ބައިނަލްއަޤުވާމީ އެތުލެޓިކްސް މުބާރާތްތައް ބޭއްވުމަށް ވަރަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.
Ads by MACL
