އީގަލް ހިލްސްއިން ހުޅުމާލޭގައި ތަރައްގީ ކުރާ ހައުސިން ޔުނިޓްގެ ކުރެހުން ދައްކާލައިފި، މާބޮޑަށްވެސް ފުރިހަމަ!
އަބޫދާބީގެ މަޝްހޫރު އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ 500 މިލިއަން ޑޮލަރުގެ ބޮޑު ހައުސިން މަޝްރޫޢުގެ މާސްޓަރޕްލޭން ކުރެހުންތައް ސަރުކާރުން މިއަދު ޢާންމުކޮށްފިއެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ހިއްސާކުރެއްވި މި ކުރެހުންތަކުން ފެންނަ ގޮތުގައި، މިއީ އެންމެ ފުރިހަމަ ޒަމާނީ ވަސީލަތްތަކާއެކު ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދިނުމަށް ފަރުމާކޮށްފައިވާ ހިތްފަސޭހަ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން ޖުމްލަ 5،000 ހައުސިން ޔުނިޓް ތަރައްޤީކުރާއިރު، އަމަލީ މަސައްކަތް ފެށުމަށް ނިންމާފައިވަނީ 2027 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. ހުޅުމާލެ ފޭސް 3 ގެ ވިޝަން މާސްޓަރޕްލޭންގެ ދަށުން މި ފަރުމާތައް ތައްޔާރުކޮށްފައިވަނީ ސިންގަޕޫރުގެ މަޝްހޫރު 'ވާއު އާކިޓެކްޓްސް / ވާނަރ ވޮންގ ޑިޒައިން' އިންނެވެ. މީގެތެރޭގައި އުސް ރެސިޑެންޝަލް ޓަވަރުތަކާއި، މޫދާ ކައިރި ވޯޓަރފްރަންޓް ޓައުންހޯމްތަކުގެ އިތުރުން ތަފާތު ގިނަ ޢާންމު ޚިދުމަތްތައް އެކުލެވިގެންވެއެވެ.
Ads by BMLhttps://twitter.com/muththo/status/2108611843812159987
މި ސަރަޙައްދުގައި ހަމައެކަނި އުސް އިމާރާތްތަކެއް ބިނާކުރުމުގެ ބަދަލުގައި، ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާނެ އެންމެހައި ވަސީލަތްތައް ޤާއިމުކުރުމަށް ވަނީ ރާވާފައެވެ. އެގޮތުން ކުޅިވަރު ކުޅޭނެ އިންތިޒާމުތަކާއި، ކެފޭ އަދި ރެސްޓޯރަންޓްތަކުގެ އިތުރުން ފިހާރަތަކާއި، ހިތްފަސޭހަ ފިނި މައިޒާންތަކާއި މޫދަށް އެރޭނެ ޚާއްޞަ ސަރަޙައްދުތައް ހިމެނެއެވެ. މީގެއިތުރުން އިމާރާތްތަކުގެ ޓެރެސްތައް ފެހިކޮށް ފަރުމާކޮށްފައިވާއިރު، މޫދު ކައިރީގައި ބޮޑު މިސްކިތެއް ބިނާކުރުންވެސް މާސްޓަރޕްލޭންގައިވެއެވެ.
ސަރުކާރުން ފާހަގަކުރާ ގޮތުގައި މިއީ ރާއްޖެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ލުޔެއް ލިބި، އިޤްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަ ފައިދާތަކެއް ކުރާނެ މަޝްރޫޢެކެވެ. މީގެއިތުރުން، އީގަލް ހިލްސްއިން ރަސްމާލޭގައި 20 ބިލިޔަން ޑޮލަރުގެ ވޯޓަރފްރަންޓް އަދި މެރީނާ ޕްރޮޖެކްޓެއް ކުރިއަށްގެންދިއުމަށްވެސް ސަރުކާރާއެކު އެގްރިމެންޓް ހަދާފައިވާއިރު، މި ބޮޑު އިންވެސްޓްމަންޓާއެކު ގައުމުގެ އިޤްތިސާދަށް ބޮޑު ދިރުމެއް ލިބި 54،000 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު އުފެދިގެންދާނެއެވެ.
Ads by MACL
