ޒޯން 1 ގައި އެމްޓީސީސީގެ 87 މަޝްރޫޢެއް ކުރިއަށް!
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމްޓީސީސީ) ގެ ޒޯން 1 ގައި ހިމެނޭ ހއ. އަދި ހދ. އަތޮޅުގައި މިވަގުތުވެސް އުމްރާނީ ތަރައްޤީގެ 87 މަޝްރޫޢެއްގެ އަމަލީ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
މުޅި ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން އެމްޓީސީސީން ޖުމްލަ 800 އަށްވުރެ ގިނަ މަޝްރޫޢު ކުރިއަށްގެންދާއިރު، ޒޯން 1 ގައި ހިމެނުމަށް ކަނޑައަޅާފައިވާ 116 މަޝްރޫޢުގެ ތެރެއިން 87 މަޝްރޫޢަކީ ރަސްމީކޮށް ސޮއިކުރެވި، އަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާ މަޝްރޫޢުތަކެއް ކަމަށް އެމްޓީސީސީގެ ޒޯން 1 ގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ އަޙްމަދު އާލިމް ވިދާޅުވިއެވެ.މި މަޝްރޫޢުތަކުގެ ތެރޭގައި ހއ. ދިއްދޫގައި އިމާރާތްކުރާ ހއ. އަތޮޅު ހޮސްޕިޓަލުގެ މަސައްކަތާއި، މަނުކުދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢު ހިމެނެއެވެ. މީގެ އިތުރުން ހޯރަފުށީ މަގުހެދުމުގެ މަސައްކަތާއި، ހަނިމާދޫ މިސްކިތް ބިނާކުރުމާއި، އުލިގަމުގައި އިމާރާތްކުރާ އިމިގްރޭޝަން ބިލްޑިންގގެ މަސައްކަތްވެސް ފާހަގަކޮށްލެވެއެވެ.
އަދި މީގެ އިތުރުންވެސް، ރަށްރަށުގެ ސްކޫލްތަކާއި، ހެލްތް ސެންޓަރުތަކާއި، މިސްކިތްތަކުގެ އިތުރުން، ޒުވާނުންނަށް ޚާއްޞަކޮށްގެން ވައިކަރަދޫ ސްކޭޓް ޕާކާއި، އެކި ރަށްރަށުގެ ފުޓްސަލް ދަނޑުތަކާއި ވޮލީ އަދި ހޭންޑްބޯޅަ ކޯޓުތައް ހެދުން ފަދަ އިޖުތިމާޢީ އަދި ކުޅިވަރުގެ ގިނަ މަޝްރޫޢުތަކެއް ދަނީ ހިންގަމުންނެވެ.
Ads by BMLއެމްޓީސީސީން ހާމަކުރި ގޮތުގައި، ސަރުކާރުން ރައްޔިތުންނަށްޓަކައި ކުރިއަށްގެންދާ މި މަޝްރޫޢުތައް އެއްބަސްވުމާ އެއްގޮތަށް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އަދި މަސައްކަތުގެ ފެންވަރު ހިފަހައްޓައިގެން ނިންމުމަކީ އެ ކުންފުނީގެ އެންމެ ބޮޑު އަމާޒެވެ
Ads by MACL
