ނަފްސާނީ ބަލިތަކަށް އޮންނަ ނުބައި ތަސައްވުރު ނައްތައިލުމަށް ފަސްޓް ލޭޑީ ގޮވައިލައްވައިފި
ނަފްސާނީ ބަލިތަކަށް އޮންނަ ނުބައި ތަސައްވުރު ނައްތައިލުމަށް ފަސްޓް ލޭޑީ ސާޖިދާ ގޮވައިލައްވައިފިއެވެ.
ނަފްސާނީ ބަލިތަކާ މެދު މުޖުތަމަޢުގައި ގެންގުޅޭ ނުބައި ތަސައްވުރުތަކާއި ބަސްމަގު ބަދަލުކޮށް، އެންމެންނަށް އެހީތެރިކަމާއި އަޅައިލުން ލިބޭނެ ފަދަ އަމާން މާޙައުލެއް ބިނާކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދު ގޮވައިލެއްވީ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާޞަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ފަސްޓް ލޭޑީގެ ޕޯސްޓްގައި ބަޔާންކުރައްވައިފައިވާ ގޮތުގައި، އިންސާނާގެ ނަފްސާނީ ދުޅަހެޔޮކަން ބައްޓަންވުމުގައި އޭނާ ދިރިއުޅޭ މުޖުތަމަޢާއި، ވަށައިގެން ތިބޭ އަފުރާދުންގެ ފަރާތުން ފޯރުކޮށްދޭ އަޅައިލުން ވަރަށް ބޮޑު ދައުރެއް އަދާކުރެއެވެ.
Ads by BMLޚާއްޞަކޮށް ޢާއިލީ މާޙައުލާއި، ތަޢުލީމު ޙާޞިލްކުރާ ބިނާތަކުގެ އިތުރުން ވަޒީފާ އަދާކުރާ މާޙައުލަކީ ނަފްސާނީ ދުޅަހެޔޮކަމާ ސީދާ ގޮތުން ގުޅިލާމެހިފައިވާ ތަންތަންކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
https://twitter.com/sajidhaamohamed/status/2108783650527395950
އަދި އެކަކު އަނެކަކުގެ ވާހަކަތަކަށް ކަނުލައި އަޑުއަހައި، ފޯރުކޮށްދޭ އޯގާތެރި އެހީތެރިކަމުގެ ސަބަބުން އިންސާނާގެ ޙަޔާތަށް ފުން އަދި ހެޔޮ ބަދަލުތަކެއް އަންނާނެކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
މެޑަމް ސާޖިދާގެ މެސެޖުގައި އިތުރަށް ބަޔާންކުރައްވައިފައިވަނީ، ނަފްސާނީ ގޮންޖެހުންތަކާ ކުރިމަތިލަމުންދާ ފަރާތްތަކަކީ އެފަދަ ބަލިތަކުން އަރައިގަތުމަށް ބޭނުންވާ މާނަހުރި އެހީތެރިކަމަކީ ކޮބައިކަން އެންމެ ރަނގަޅަށް ދެނެގަނެވޭނެ، އަގުނުކުރެވޭ ފަދަ ބާރުވެރި ވިސްނުންތަކާއި ތަޖުރިބާ ލިބިފައިވާ ބައެއް ކަމަށެވެ.
އެހެންކަމުން، އެ ފަރާތްތަކުގެ އިޙްސާސްތަކާއި ޚިޔާލުތަކަށް އިޙްތިރާމްކޮށް ބަލައިގަތުމުގެ މުހިންމުކަން ފަސްޓް ލޭޑީ ވަނީ ފާހަގަކުރައްވައިފައެވެ.
މީގެ އިތުރުން، ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ ފަރުވާއާއި އެހީތެރިކަން ކޮންމެ މީހަކަށްމެ ފަސޭހައިން ލިބެންހުރިކަމުގެ ހޭލުންތެރިކަން އިތުރުކުރުމަށާއި، ޖެހިލުމެއްނެތި އިސްނަގައިގެން އެހީއަށް އެދުމަށް ހިތްވަރުދިނުމުގެ މުހިންމުކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
އަދި ނަފްސާނީ ބަލިތަކަށް މުޖުތަމަޢުގައި ދެވިފައިވާ ހުތުރު ނަމާއި ނުބައި ތަސައްވުރު (ސްޓިގްމާ) އެއްކޮށް ނައްތައިލައި، ކޮންމެ މީހަކީވެސް އެމީހެއްގެ އަޑުއަހާނެ ބަޔަކު ތިބި އަދި އެހީތެރިކަން ކަށަވަރުވެގެންވާ މާޙައުލެއްގެ އިޙްސާސް ކުރެވޭނެ މީހަކަށް ހެދުމަށް މުޅި މުޖުތަމަޢަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އިލްތިމާސްކުރައްވައިފައެވެ.
Ads by MACL
