ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މޭރީ ގްރޭސް މެރުމުގެ ކުށުގައި އުމުރަށް ޖަލަށްލީ މާވިންގެ ހުކުމް އިސްތިއުނާފަށް

މާވިން އަދި ލަމްހާ ޝަރިއަތުގައި ---
މާވިން އަދި ލަމްހާ ޝަރިއަތުގައި ---

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރާލި މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން އެސްވައި އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް، އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ދަށު ކޯޓުގެ ހުކުމް މާވިންގެ ފަރާތުން އިސްތިއުނާފަށް ހުށަހެޅި ނަމަވެސް، އެ މައްސަލަ ހައިކޯޓަށް ބަލައިގަތުމާމެދު އަދި ވަކި ގޮތެއް ނިންމެވިކަމެއް ސާފެއް ނުވެއެވެ. އޮކްޓޫބަރު 2021 ގައި ހިންގި މި ޖަރީމާއާ ގުޅިގެން މާވިންގެ މައްޗަށް އުފުލި އެނގިހުރެ މީހަކު މެރުމުގެ ދައުވާ ސާބިތުވެ، އޭނާ އުމުރަށް ޖަލަށްލާން ހުކުމް ކުރިއިރު، މި މައްސަލައިގައި ބައިވެރިވި އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް ވަނީ 15 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ކްރިމިނަލް ކޯޓުގައި އަދަބާމެދު ވާހަކަދެއްކުމުގެ މަރުހަލާގައި ދައުލަތުން ވަނީ މާވިންއަކީ އަނިޔާލިބުނު މޭރީގެ ފިރިމީހާއަށްވެސް ވެފައި، އެ ދެމަފިރިންގެ ދަރިފުޅުގެ ބައްޕައަށްވެސް ވެފައި އަދި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ނަރުހަކަށް ވުމާއެކު، އޭނާގެ އަމަލުގައި އެއްވެސް ރަހުމެއް ނެތްކަން ފާހަގަކޮށްފައެވެ. އެހެންކަމުން ދައުލަތުން އެދުނީ އޭނާއަށް ދެވޭނެ އެންމެ ބޮޑު އަދަބު ދިނުމަށެވެ. ނަމަވެސް އަދަބާ މެދު ވާހަކަދައްކަން ލިބުނު ފުރުސަތުގައި މާވިން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.

މި މައްސަލައިގައި ލަމްހާގެ މައްޗަށް ކުށް ސާބިތުވީ މޭރީ މެރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން، އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާއާއި، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއިންނެވެ.

މި މައްސަލައިގައި ހައްޔަރުކޮށް ބަންދުގައި ހުރި ދުވަސްވަރު މާވިން ވަނީ އިސްލާމްދީން ގަބޫލުކޮށް، އޭނާގެ ނަން ޔޫސުފްގެ ނަމަށް ބަދަލުކޮށްފައެވެ. އަދި އެކަން އޭނާގެ ފަރާތުން ކުރިން ވަނީ އިސްލާމިކް މިނިސްޓްރީއަށްވެސް އަންގާފައެވެ.