ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ 113 ދަރިވަރަކު ދަސްވެނިވެއްޖެ
ކީރިތި ޤުރުއާން އުނގަންނައިދިނުމުގެ ރަންގަޅު ޖީލެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ހިންގި ޤުރުއާން މުދައްރިސްކަމުގެ ޑިގްރީ އަދި ޑިޕްލޮމާ ކޯސްތަކުން 113 ދަރިވަރަކު ކާމިޔާބުކަމާއެކު ދަސްވެނިވެއްޖެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން ހިންގާ އެ މަރުކަޒުގެ ދަރިވަރުންގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ދަސްވެނިވުމުގެ ރަސްމިއްޔާތު އޮތީ މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ޤުރުއާނުގެ ތަޢުލީމީ ދާއިރާއިން ދަރިވަރުން ހާސިލުކުރި ޢިލްމީ ކާމިޔާބީތަކުގެ އަގުވަޒަންކުރައްވައި މަރުޙަބާ ވިދާޅުވިއެވެ.
މި ފަހަރު ދަސްވެނިވި ދަރިވަރުންގެ ތެރޭގައި ހިމެނެނީ ޤުރުއާން މުދައްރިސްކަމުގެ ޑިގްރީ ކޯސް ނިންމި 64 ދަރިވަރުންނާއި، ޑިޕްލޮމާ ކޯސް ފުރިހަމަކުރި 49 ދަރިވަރުންނެވެ. މިއީ ރާއްޖޭގައި ތަމްރީނުވެފައިވާ ޤުރުއާން މުދައްރިސުން އުފެއްދުމަށާއި އިސްލާމީ ތަޢުލީމު ކުރިއެރުވުމަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ.
Ads by BMLރަސްމިއްޔާތުގެ ތެރެއިން ޑިޕްލޮމާ ކޯސް ނިންމި ދަރިވަރުންނަށް ސަނަދު ހަވާލުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާގެ ނައިބު އަލްއުސްތާޛު ޢަބްދުލްޣަފޫރު އަޙްމަދާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް އަލްއުސްތާޛު ޢަބްދުﷲ ސަޢުދާނެވެ.
އަދި ޑިގްރީ ކޯސް ފުރިހަމަކުރި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް ޑރ. މުޙައްމަދު ޝުޖާއު ޢަބްދުލްހަކީމާއި، ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ބޭއްވި މި ދަސްވެނިވުމަކީ ޤުރުއާނުގެ ތަޢުލީމު ހަރުދަނާކޮށް، ފަންނީ ގާބިލުކަން އިތުރުކުރުމަށާއި، ކުރިއަށް އޮތް ޖީލުތަކަށް ސައްހަ ޤުރުއާނީ ޢިލްމު ފޯރުކޮށްދޭނެ ގާބިލު މުދައްރިސުން ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ކާމިޔާބީއެކެވެ.
އަދި މިއީ އިސްލާމީ މަތީ ތަޢުލީމުގެ ފުރުސަތުތައް ފުޅާކުރުމަށާއި، މުޅި ރާއްޖޭގައި ޤުރުއާން އުނގަންނައިދިނުމުގެ ޤައުމީ ގާބިލުކަން އިތުރުކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްޕުޅުތަކަށް ލިބިގެންދިޔަ ބޮޑު ބާރެކެވެ.
Ads by MACL
