ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސިއްޙީ މަރުކަޒެއްގައި ފުރަތަމަ ފަހަރަށް ފިޒިއޮތެރަޕީ: މާލެއަށް ބަރޯސާވުން ކުޑަކުރުމަށް އެޅުނު ފިޔަވަޅެއް!

 ސިއްޚަތާއި އާޢިލާ އާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ  / ފޮޓޯ: މިނިސްޓްރީ އޮފް ހެލްތު
ސިއްޚަތާއި އާޢިލާ އާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ / ފޮޓޯ: މިނިސްޓްރީ އޮފް ހެލްތު

ކާށިދޫ ސިއްޙީ މަރުކަޒުގައި ފިޒިއޮތެރަޕީގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. މިއީ ރާއްޖޭގެ ސިއްޚީ މަރުކަޒެއްގައި މިފަދަ ޚިދުމަތެއް ޤާއިމުކުރި ފުރަތަމަ ފަހަރެވެ.
މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ ސިއްޚަތާއި އާޢިލާ އާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީއެވެ. ޚިދުމަތް ފެށުމަށްޓަކައި ކާށިދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު  ވިދާޅުވީ، މިއީ ރައްޔިތުންނާ ވީހާވެސް ގާތުން ފަސޭހަކަމާއެކު ސިއްޚީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

އަދި މިއީ ކާށިދޫގެ ރައްޔިތުން އިންތިހާއަށް ބޭނުންޖެހިފައިވާ އަސާސީ ޚިދުމަތެއްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި، ކާށިދޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވައިގެން ފިޒިއޮތެރަޕީގެ ޚިދުމަތް ތަޢާރަފުކުރުމަށް ނިންމެވި ރަށެއްކަން ހާމަކުރެއްވިއެވެ.

އަދި އުމުރުން ދުވަސްވުމުން ދިމާވާ ޖިސްމާނީ އުނދަގޫތަކުން އަރައިގަތުމަށް ފިޒިއޮތެރަޕީއަކީ ބޭނުންތެރި ފަރުވާއެއްކަމަށް ވިދާޅުވިއެވެ.
މީގެކުރިން ކާށިދޫގައި މި ޚިދުމަތް ލިބެން ނެތުމުގެ ސަބަބުން ރައްޔިތުން އުފުލަންޖެހުނު ތަކުލީފުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ދަތުރުފަތުރުގެ ދަތިކަމާއެކު މާލެއަށް ކުރަންޖެހޭ ބޮޑެތި ޚަރަދުތަކުގެ ސަބަބުން ރައްޔިތުންނަށް ބޮޑު ބުރައެއް އުފުލަންޖެހުނު ކަމަށެވެ.

ނަމަވެސް، ރަށުގައި މި ޚިދުމަތް ޤާއިމުކުރެވުމާއެކު، ރައްޔިތުން އުފުލި އެ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކާށިދޫ ސިއްޚީ މަރުކަޒުގައި އަލަށް ފެށި ފިޒިއޮތެރަޕީގެ ޚިދުމަތާއެކު، އެ ރަށުގެ އިތުރުން ކައިރި ރަށްރަށުގެ ރައްޔިތުންނަށްވެސް ސިއްޚީ ފަރުވާ ހޯދުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މިއީ އަތޮޅުތެރޭގެ ސިއްޚީ ނިޒާމު ހަރުދަނާކޮށް، މާލެއަށް ބަރޯސާވުން ކުޑަކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން، ރާއްޖޭގެ ސިއްޚީ މަރުކަޒެއްގައި މިފަދަ ޚިދުމަތެއް ފެށި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެހެން ސިއްޚީ މަރުކަޒުތަކުގައިވެސް މިފަދަ ޚިދުމަތްތައް ފުޅާކޮށް، ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދިނުމެވެ.