ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޤައުމުގެ މުސްތަޤުބަލު އުޖާލާކުރުމަށް އަންހެނުން ބާރުވެރިކުރުވަންޖެހޭ: ފަސްޓްލޭޑީ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޞާޖިދާ މުޙައްމަދު / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޞާޖިދާ މުޙައްމަދު / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ބައިނަލްއަޤުވާމީ އަންހެން ކުދިންގެ ދުވަހުގެ ބަރަކާތްތެރި މުނާސަބަތުގައި، ދިވެހިރާއްޖެއާއި މުޅި ދުނިޔޭގެ އަންހެން ކުދިންގެ ހިތްވަރާއި، ޢަޒުމް އަދި ނުގުޑާފަދަ ޤާބިލިއްޔަތު ފާހަގަކުރައްވައި، އެކުދިންގެ އަގު ޙައްޤު ގޮތުގައި ވަޒަންކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޞާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.

🔗 ތަފްޞީލް ކިޔުމަށް: [ލިންކް]

https://twitter.com/sajidhaamohamed/status/2109127142101672025

މި ދުވަހުގެ ހެޔޮއެދުންތައް ބަދަލުކުރައްވަމުން، ސޯޝަލް މީޑިއާ މަންސަ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި އެކަމާ ވިދާޅުވީ، އަންހެން ކުދިންނަކީ މުޖުތަމަޢުތައް ބާރުވެރިކޮށް، ކުރިއެރުވުމުގައި އެކުދިންގެ އަޑާއި، ހުނަރާއި، އިސްނެގުމުގެ ބޭނުން ފުޅާ ދާއިރާއެއްގައި ހިފަމުންދާ، އައު އީޖާދުތައް ތައާރަފުކުރާ، އަދި ހެޔޮ ބަދަލުތަކުގެ އަޞްލު ކަމަށެވެ. އަދި މުޖުތަމަޢުތައް ވަރުގަދަކޮށް، ކެތްތެރި ބައެއްގެ ގޮތުގައި ބިނާކުރުމަށް އެކުދިންގެ ލީޑަޝިޕް ބޭނުންތެރިކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ހަމައެހެންމެ، އަންހެން ކުދިން ބާރުވެރިކުރުވުމަކީ ހަމައެކަނި އެކުދިންގެ އަމިއްލަ ދިރިއުޅުމަށް އަންނަ ބަދަލެއް ނޫންކަމަށާއި އެއީ މުޅި ޤައުމުގެ މުސްތަޤުބަލު އުފުލައިދީ، އައު އުސްމިންތަކަކަށް ޤައުމު ވާޞިލުކޮށްދޭނެ މުހިންމު ބާރެއްގެ ގޮތުގައި އެކަމަނާ ސިފަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ ތާރީޚާއި މިއަދުގެ ޙާލަތަށް އަލިއަޅުއްވާލައްވަމުން އެކަމަނާ ވިދާޅުވީ، ރާއްޖޭގެ ތަޢުލީމީ ދާއިރާއާއި، ޢާންމު ޚިދުމަތްތަކާއި، ވިޔަފާރިވެރިކަމާއި، ކުޅިވަރުގެ އިތުރުން މުޖުތަމަޢު އިސްނެގުމުގެ އެކި މައިދާންތަކުން އަންހެން ކުދިންނާއި ޒުވާން އަންހެނުން ފާހަގަކޮށްލެވޭ ފަދަ މުހިންމު އަދި އަގުހުރި ޙިއްޞާއެއް ވަމުންދާކަމަށް ރާއްޖެ ހެކިވާ ކަމަށެވެ. އަދި ޤައުމުގެ އަންހެން ކުދިން ޤައުމީ ޙަޔާތަށް ފޯރުކޮށްދެމުންދާ އަގުނުކުރެވޭފަދަ މަތިވެރި ޚިއްޞާ އާއި، ހޯދަމުންދާ ފަޚުރުވެރި ކާމިޔާބީތަކަކީ، ބާރުގަދަ، ދެމެހެއްޓެނިވި އަދި ސާބިތު ޤައުމެއް ބިނާކުރުމުގެ މައިގަނޑު ތަނބެވެ. އަދި އެއީ އަންނަން އޮތް ޖީލުތަކަށް ޤައުމު އާރާސްތުކުރުމުގައި ފައިތިލަ ސާބިތުކޮށްދޭ އެންމެ ވަރުގަދަ ބިންގަލެވެ.

އެކަމަނާގެ ވާހަކަފުޅު ނިންމަވާލެއްވީ، ޤައުމުގެ ކުރިމަގު އާރާސްތުކުރުމުގައި އަންހެން ކުދިންގެ ދައުރު ފުޅާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުންނެވެ. އެކަމަނާ އިތުރަށް ބާރުއެޅުއްވީ، އަންހެން ކުދިންނަކީ ހަމައެކަނި ޤައުމުގެ މުސްތަޤްބަލް ނޫން ކަމަށާއި، އެކުދިންނަކީ މިއަދުވެސް ޤައުމުގެ ކުރިއެރުމާއި ހަމަޖެހުމުގެ ޙަޤީޤީ ބާރު ކަމުގައެވެ. އެހެންކަމުން، ކޮންމެ އަންހެން ކުއްޖަކަށްމެ ތަޢުލީމާއި، ހަމަހަމަ ފުރުޞަތުތައް ކަށަވަރުކޮށްދީ، އެކުދިންގެ ހުނަރުތައް ތަރައްޤީކުރުމަކީ މުޅި މުޖުތަމަޢުގެ ބާއްޖަވެރިކަމަށްޓަކައި މިއަދު އެންމެން އެކުގައި އުފުލަންޖެހޭ ޤައުމީ ޒިންމާއެއް ކަމުގައި ހަނދާންކޮށްދެއްވަމުންނެވެ.