"އަހާ" ފޯރަމްގެ 9 ވަނަ ބައްދަލުވުން ތިން ވަޒީރަކާއެކު މިރޭ ސަލްޓަން ޕާކުގައި
ސަރުކާރުގެ ސިޔާސަތުތަކާއި މަޝްރޫޢުތަކުގެ މަޢުލޫމާތު އާންމުންނަށް ޙިއްޞާކޮށް، ރައްޔިތުން ކުރަންބޭނުންވާ ސުވާލުތަކަށް ވަގުތުން ޖަވާބުދިނުމަށް ބާއްވާ "އަހާ" ޕަބްލިކް ފޯރަމް ސިލްސިލާގެ ނުވަވަނަ ބައްދަލުވުން ތިން ވަޒީރަކާއެކު މިރޭ ސަލްޓަން ޕާކުގެ އިވެންޓް އޭރިއާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިރޭ 21:00 ގައި ފެށުމަށް ހަމަޖެހިފައިވާ ދެ ގަޑިއިރުގެ މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނީ ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީއާއި، ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީންގެ އިތުރުން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދެވެ.
މި ބައްދަލުވުމުގައި ސީދާ ސަލްޓަން ޕާކަށް ހާޒިރުވެގެން ވަޒީރުންނާ ސުވާލުކުރުމުގެ ފުރުޞަތު އާންމުންނަށް ހުޅުވާލާފައިވާއިރު، ފޯރަމް ކުރިއަށްދާ ވަގުތު އޮންލައިން ވަސީލަތްތައް މެދުވެރިކޮށް ވެސް ސުވާލު ހުށަހެޅޭނެއެވެ. އެގޮތުން ފޭސްބުކް، އެކްސް އަދި ޕީއެސްއެމް އެއަރ އެޕް ބޭނުންކޮށްގެން، ވަޒީރުންގެ މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން ސުވާލުކުރުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.
Ads by BMLރާއްޖޭގެ ކޮންމެ ރަށެއްގައި ތިބެގެން ވެސް އޮންލައިންކޮށް މި ފޯރަމްގައި ބައިވެރިވެ ސުވާލުކުރުމުގެ މަގު ފަހިކޮށްދީފައިވާތީ، މިއީ މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަށް ވެސް ސަރުކާރުގެ މަސައްކަތްތަކާ މެދު ސުވާލުކޮށް މަޢުލޫމާތު އޮޅުންފިލުވުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ.
މިދިޔަ އަހަރުގެ ޖަނަވަރީ 25 ގައި ފެށި "އަހާ" ފޯރަމް ސިލްސިލާގެ އަށް ބައްދަލުވުމެއް މިހާތަނަށް ބޭއްވިފައިވާއިރު، މިއީ ސަރުކާރުގެ ހިންގުމުގެ ދުވެއްޔާއި ސިޔާސަތުތައް ރައްޔިތުންނާ ހިއްސާކޮށް، ދިމާވާ ގޮންޖެހުންތަކަށް ސަރުކާރުން ގެންގުޅޭ ހައްލުތައް ސާފުކޮށްދިނުމަށް ސިލްސިލާކޮށް ކުރިއަށްގެންދާ ފޯރަމެކެވެ.
Ads by MACL
