ނަފުސާނީ ދުޅަހެޔޮކަމަށް ޚާއްޞަ "މަނަސް ހަބް" ކުޅުދުއްފުށި ސިޓީގައި ހުޅުވައިފި
ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާއި، ޚާއްޞަކޮށް ޒުވާނުންގެ ނަފުސާނީ ދުޅަހެޔޮކަން ކަށަވަރުކޮށްދީ، ރައްކާތެރި އިޖުތިމާޢީ މާހައުލެއް ބިނާކުރުމުގެ މަޤްޞަދުގައި އެ ސިޓީ ކައުންސިލުން އިސްނަގައިގެން ތަރައްޤީކުރި "މަނަސް ހަބް" ރަސްމީކޮށް ހުޅުވައިފިއެވެ.
ދުނިޔޭގެ ނަފުސާނީ ސިއްހަތުގެ ދުވަހާ ގުޅުވައިގެން ޚިދުމަތް ފެށި މި މަރުކަޒަކީ އޮސްޓްރޭލިއަން ހައިކޮމިޝަނާއި އޮސްޓްރޭލިއާގެ އޮރިޖެންގެ "ހެޑްސްޕޭސް" މޮޑެލް، ދިވެހިރާއްޖޭގެ މާހައުލާ ގުޅޭގޮތަށް ބައްޓަންކޮށްގެން ރާއްޖޭގައި ހުޅުވުނު، ނަފުސާނީ ދުޅަހެޔޮކަމުގެ އެންމެ ފުރަތަމަ އާރލީ އިންޓަވެންޝަން އެންޑް ވެލްބީންގް ސެންޓަރެވެ.
މި މަރުކަޒު ރަސްމީކޮށް ހުޅުއްވައިދެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު ޢާތިފާއި، އޮސްޓްރޭލިއާއިން ދިވެހިރާއްޖޭގައި ހުންނަވާ ހައި ކޮމިޝަނަރު ހިޒް އެކްސެލެންސީ ޑޭވިޑް ޖެސަޕް އެވެ. މި ރަސްމިއްޔާތުގައި ޚާއްސަ މެހެމާނެއްގެ ގޮތުގައި ކުރީގެ ފަސްޓް ލޭޑީ ފަޒްނާ އަހުމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން ހާމަކުރެއްވި ގޮތުގައި، މި ހަބަކީ މުޖުތަމައުގެ އިޖުތިމާއީ އަދި ނަފުސާނީ ދުޅަހެޔޮކަން ކުރިއެރުވުމުގެ އިތުރުން، ފުރާވަރު ކުދިންނަށާއި ޒުވާނުންނަށް ބޭނުންވާ އެހީތެރިކަމާއި ވަސީލަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށްޓަކައި ކައުންސިލުގެ ސްޓްރެޓީޖިކް ޕްލޭނުގައި ހިމަނައިގެން ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެކެވެ.
މި މަރުކަޒުގެ ޚިދުމަތްތައް ބިނާކޮށްފައިވަނީ އާންމު ކްލިނިކަލް ނުވަތަ ހޮސްޕިޓަލް މާހައުލުތަކާ ތަފާތު ގޮތަކަށެވެ. އެގޮތުން، ނަފުސާނީ މައްސަލަތައް އިތުރަށް ގޯސްވުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އަވަސް އެހީތެރިކަން ފޯރުކޮށްދިނުމަށް މި ހަބުގައި ޚާއްޞަ އިސްކަމެއް ދެވޭނެއެވެ.
ނަފުސާނީ އެހީތެރިކަމަކީ ހަމައެކަނި ހާލަތު ނުރައްކާވުމުން ހޯދާ ޚިދުމަތަކަށް ނުހަދައި، ދުރާލައި ދުޅަހެޔޮކަން ދެމެހެއްޓުމަށް އަހަންމިއްޔަތުކަން ދިނުމަކީ މި މަރުކަޒުގެ މޮޑެލް ބިނާވެފައިވާ މައިގަނޑު އަސާސް ކަމުގައި ކުޅުދުއްފުށި ސިޓީ ކައުންސިލުން ފާހަގަކުރައްވައެވެ.
Ads by MACL
