އެފް.އޭ.އެމް އިން އަންހެން ކުދިންނަށް ޚާއްޞަ "ލާން ޓުގެދަރ" ފުޓްބޯޅަ ޕްރޮގްރާމެއް ތަޢާރަފްކޮށްފި
ރާއްޖޭގެ ފުޓްބޯޅައިގެ އައު ޖީލެއްގެ އަންހެން ކުޅުންތެރިން ބިނާކޮށް، ހިތްވަރުދީ، ރޫޙު ޢާލާކުރުމުގެ މަޤުޞަދުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އިން ޚާއްސަ ޕްރޮގްރާމެއް ތަޢާރަފްކޮށްފިއެވެ. "އެކުގައި ދަސްކުރުން. ފުޓްބޯޅައިގެ ތެރެއިން ކުރިއެރުން" މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ މި ޙަރަކާތަކީ "ލާން ޓުގެދަރ – އެފް.އޭ.އެމް ގާރލްސް އެކަޑަމީ ޕްރޮގްރާމް" އެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި ހޮވާލެވޭ ވަކި ޚާއްސަ ކްލަބްތަކާއި، ފުޓްބޯޅަ އެކަޑަމީތަކާއި، އަދި ސްކޫލްތަކާ ގުޅިގެންނެވެ. އެފް.އޭ.އެމް އިން ހާމަކުރާ ގޮތުގައި، މިއީ އަންހެން ކުދިންނަށް ފުޓްބޯޅައިގެ އަސާސްތައް ދަސްކުރުމަށާއި، އެ ކުދިންގެ ކިބައިގައިވާ ހުނަރުތައް ތަރައްޤީކޮށް، ކުޅިވަރުގެ ފޯރި ހިފާލުމަށް ލިބިގެންދާނެ ރަނގަޅު އަދި ނުހަނު ބޭނުންތެރި ފުރުޞަތެކެވެ.
މި ޕްރޮގްރާމްގެ 2026 ވަނަ އަހަރުގެ ޕައިލެޓް ފޭސް (Pilot Phase) ގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި ފޭސްގައި އެފް.އޭ.އެމް އިން ހޮވާނީ އެންމެ ގިނަވެގެން 6 ބައިވެރިންނެވެ.
ޕްރޮގްރާމްގައި ބައިވެރިވުމަށް އެންމެ ދަށްވެގެން ހުންނަންޖެހޭ މުހިންމު ޝަރުތުތަކަކީ:
* ކުޅުންތެރިން: މަދުވެގެން 20 އަންހެން ކުދިން (އުމުރުން 6 އަހަރާއި 16 އަހަރާ ދެމެދު) ޕްރޮގްރާމްގައި ރަޖިސްޓްރީ ކުރުން.
* ޝެޑިއުލް: ހަފްތާއަކު 2 ތަމްރީން ސެޝަނާއި 1 މެޗު ކުޅޭ ދުވަސް (Match Day) ބޭއްވުން.
* ކޯޗުން: އެފް.އޭ.އެމް/އޭ.އެފް.ސީ "ސީ" ލައިސަންސް އޮތް ކޯޗެއް ހުރުމާއި، ކުދިންގެ ރައްކާތެރިކަމަށް ޚާއްސަ ސޭފްގާރޑިންގް އޮފިސަރެއް (DSO) އައްޔަންކުރުން.
* ދަނޑު: ތަމްރީންތައް ބޭއްވުމަށް ރައްކާތެރި އަދި އެކަށީގެންވާ ދަނޑެއް ޤަވާއިދުން ލިބޭނެ ގޮތް ހަމަޖެހިފައިވުން.
މި ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށް އެފް.އޭ.އެމް އިން ޖާރޒީ، ބިބްސް، ފުޓްބޯޅަ އަދި ޓްރެއިނިންގް ސާމާނު ފޯރުކޮށްދިނުމުގެ އިތުރުން، ކޯޗުން ތަމްރީނުކުރުމާއި ޓެކްނިކަލް އެހީތެރިކަން ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެފް.އޭ.އެމް ގެ އަމާޒަކީ މި ބައިވެރިންނާ އެކުވެގެން، ރާއްޖޭގެ އަންހެން ފުޓްބޯޅަ އައު އުސްމިންތަކަކަށް ގެންގޮސް، ޤައުމީ ފެންވަރުގައި ވިދާލާނެ މޮޅު އަންހެން ކުޅުންތެރިންތަކެއް އުފެއްދުމެވެ.
Ads by BML
Ads by MACL
