ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރިޔާޟް އެއާޕޯޓަށް ހޫޘީން ދިން ނުރައްކާތެރި ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ރިޔާޟް އެއާޕޯޓަށް ހޫޘީން ދިން ނުރައްކާތެރި ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ދިން ނުރައްކާތެރި ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މި ހަމަލާގައި ގިނަ އަދަދެއްގެ އާންމުން މަރުވެ، ސަތޭކައިން މީހުން އަނިޔާވެފައިވާ އިރު، ދިވެހި ސަރުކާރުން ވަނީ ސައޫދީ އަރަބިއްޔާގެ ސަލާމަތާއި ރައްކާތެރިކަމަށް އެ ގައުމުން އަޅާ ހުރިހާ ފިޔަވަޅުތަކަކަށް ފުރިހަމައަށް ތާއީދުކުރާކަން ހާމަކޮށްފައެވެ.

ސައޫދީ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ގަކާ) އިން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، މި ހަމަލާގައި މަދުވެގެން 12 މީހުން މަރުވެ، 309 މީހަކަށް ވަނީ ތަފާތު އަނިޔާތައް ލިބިފައެވެ. މަރުވި މީހުންގެ ތެރޭގައި ސައޫދީގެ ހަތަރު ރައްޔިތުންގެ އިތުރުން ބަންގްލަދޭޝްގެ ދެ މީހަކާއި، އެމެރިކާ، އުރުދުން، ފަލަސްޠީން، ސޫރިޔާ، ސޫދާން އަދި މިޞްރު، މިއިން ކޮންމެ ގައުމަކުން އެކަކު ހިމެނެއެވެ. ގަކާއިން ބުނި ގޮތުގައި އަނިޔާވި ބައެއް މީހުންގެ ހާލު ނާޒުކު އިރު، އެ އެންމެންނަށް އަންނަނީ ހޮސްޕިޓަލްތަކުގައި ފަރުވާދެމުންނެވެ.

މި ހަމަލާއާ ގުޅިގެން ދިވެހި ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އާންމު ރައްޔިތުންނާއި މުހިންމު އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ދޭ މިފަދަ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު، އަދި މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ތަހުދީދެއް ކަމަށެވެ. އަދި ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށާއި ސައޫދީ ސަރުކާރަށް ތައުޒިޔާ ފޮނުވައި، އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް ދިވެހި ސަރުކާރުން ވަނީ އެދިފައެވެ.

މިއީ މި ހަފުތާގެ ތެރޭގައި ހޫޘީން ކިންގް ޚާލިދު އެއާޕޯޓަށް އަމާޒުކޮށް ދިން ތިންވަނަ ހަމަލާއެވެ. އެގޮތުން ވޭތުވެދިޔަ ބުރާސްފަތި ދުވަހު ދިން ހަމަލާގައިވެސް ޕައިލެޓަކާއެކު ސައޫދީގެ ތިން މީހަކު ވަނީ މަރުވެފައެވެ. ހޫޘީންގެ މީޑިއާ އޮފީހުން ސޯޝަލް މީޑިއާގައި ބުނެފައިވަނީ ރިޔާޟްގެ އެއާޕޯޓު ބަންދުކޮށްފައިވާ ކަމަށާއި، މައްކާއާއި މަދީނާ ފިޔަވައި ސައޫދީގެ ވައިގެ ސަރަހައްދުން އުދުހޭ ބޯޓުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރުވެސް އެ ޖަމާއަތުން ވަނީ ދީފައެވެ.

މި ހަމަލާއާ ގުޅިގެން ސައޫދީ އިސްވެއޮންނަ ކޯލިޝަނުން ބުނީ މިއީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށެވެ. ކޯލިޝަންގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރްކީ އަލްމާލިކީ ބުނީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކުގެ ތެރެއިން މި ޓެރަރިސްޓް ހަމަލާއަށް ހަރުކަށި ރައްދެއް ދޭނެ ކަމަށެވެ. މީގެ އިތުރުން ދައްމާމްގެ ކިންގް ފަހަދު އިންޓަނޭޝަނަލް އެއާޕޯޓު ކައިރިއަށްވެސް މިސައިލެއް ވެއްޓިފައިވާ ކަން އޭނާ ވަނީ ކަށަވަރުކޮށްދީފައެވެ.

މި ހަމަލާ ޤަޠަރު، މިޞްރު، އުރުދުން އަދި އޮމާނުންވެސް ވަނީ ކުށްވެރިކޮށް، ސައޫދީ އަރަބިއްޔާއާއެކު ތިބިކަން ހާމަކޮށްފައެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި ހަމަލާ ނުރައްކާތެރި ހަމަލާއެއްގެ ގޮތުގައި ސިފަކޮށް، ހޫޘީންނާ ދެކޮޅަށް ސައޫދީ ކޯލިޝަނުން ކުރާ ހަނގުރާމައިގައި އެމެރިކާ ބައިވެރިވުމާމެދު ވިސްނަމުންދާ ކަމަށް ބުންޏެވެ.