އެކްސިޑެންޓު ތަޙުޤީޤުތައް ޒަމާނީ ކުރުމަށް "ސްމާޓް ޑްރޯ" ސޮފްޓްވެއަރ ބޭނުންކުރަން ފަށައިފި
މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓުތަކުގެ ތަޙުޤީޤުތައް އިތުރަށް ހަރުދަނާކޮށް ޒަމާނީ ފެންވަރަކަށް ބަދަލުކުރުމުގެ ގޮތުން، "ސްމާޓް ޑްރޯ" ނަމުގައި ޚާއްޞަ ޓްރެފިކް އިންވެސްޓިގޭޝަން ސޮފްޓްވެއަރއެއް ދިވެހި ފުލުހުންގެ ޚިދުމަތުން ބޭނުންކުރަން ފަށައިފިއެވެ.
މިއީ ޓްރެފިކް ޕޮލިސް އެންޑް ރޯޑު މެނޭޖްމަންޓުގެ ދަށުން ހިންގާ ޓްރެފިކް އިންވެސްޓިގޭޝަން ފަންކްޝަނުން އިސްނަގައިގެން ތަޢާރަފުކުރި މުހިންމު ވަސީލަތެކެވެ.
ފުލުހުން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ސޮފްޓްވެއަރއަކީ އެކްސިޑެންޓުތައް ހިނގާ ސަރަޙައްދުތަކުގެ ޑައިގްރާމްތަކާއި ސްކެޗުތައް ކުރީގައި ކުރަހަމުން އައި އުނދަގޫ ގޮތްތައް ނައްތާލައި، ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ގޮތަށް ފަރުމާކޮށްފައިވާ ޔޫޒަރ-ފްރެންޑްލީ ނިޒާމެކެވެ. މި ނިޒާމުގެ ސަބަބުން ތަޙުޤީޤީ ރިޕޯޓުތަކުގެ ފެންވަރު މަތިވެ، ހެކި ޑޮކިއުމެންޓުކުރުމުގެ މަރުޙަލާ ވަރުގަދަވެގެންދާނެއެވެ. އަދި އޮޕަރޭޝަނަލް މަސައްކަތްތައް ކުރިއަށްވުރެ އަވަސްވެގެންދާނެ ކަމަށްވެސް ފުލުހުން ފާހަގަކުރެއެވެ.
Ads by BML"ސްމާޓް ޑްރޯ" ސޮފްޓްވެއަރގައި މަގުމަތީގެ އެކި ކަހަލަ ލޭއައުޓްތައް ކުރީބައިގައި ތައްޔާރުކޮށް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި އިންޓަރސެކްޝަންތަކާއި، ޓީ-ޖަންކްޝަންތަކުގެ އިތުރުން ސީދާ މަގުތައް ހިމެނެއެވެ. މީގެ އިތުރުން، އެކި ބާވަތުގެ ވެހިކަލްތަކާއި ސައިކަލް، ޓްރެފިކް ނިޝާންތަކާއި މަގުބައްތި ފަދަ، ތަޙުޤީޤަށް މުހިންމުވާ ތަފާތު ބައިތަކުގެ ރެޑީމޭޑް ސިމްބަލްތައްވެސް ސޮފްޓްވެއަރއިން ލިބެން ހުންނާނެއެވެ.
އެކްސިޑެންޓު ހިނގި މައިދާނުގެ ޙަޤީޤީ މަންޒަރު އެންމެ ސައްޙަކޮށް ދައްކުވައިދިނުމުގެ ގޮތުން، ގޫގުލް މެޕްސްއާއި ސެޓެލައިޓް އިމޭޖުތައް ސޮފްޓްވެއަރގެ ތެރެއަށް އެކްސްޕޯޓްކޮށްގެން ޑައިގްރާމްތައް ކުރެހުމުގެ ފުރުޞަތުވެސް މީގެ ތެރެއިން ފަހިވެގެންދެއެވެ. މިއީ ސަރަޙައްދުގެ ކަންކަން އެންމެ ފުރިހަމައަށް ރެކޯޑުކުރުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯރުކޮށްދޭ ޕޮލިސިންގ ޚިދުމަތްތައް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އިތުރަށް ތަރައްޤީކުރަމުންނެވެ. އެކްސިޑެންޓުތައް މަދުކުރުމަށް އާންމުން ހޭލުންތެރިކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދާއިރު، މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދުފަހަރު ދުއްވާ ފަރާތްތަކާމެދު ފުލުހުން ދަނީ ހަރުކަށި ފިޔަވަޅުތަކެއްވެސް އަޅަމުންނެވެ.
Ads by MACL
