ޓޫރިސްޓުންގެ ފުރަތަމަ އިޚްތިޔާރު ރިސޯޓްތައް: %74 ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ރިސޯޓްތަކުގައި!
މި އަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ %74 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައިކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ އަދަދުން ބަލާނަމަ 1.1 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިންނެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ރަސްމީ ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 1.6 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެ ތެރެއިން އެންމެ ގިނަ ބަޔަކު ބޭނުންކޮށްފައިވަނީ ރިސޯޓްތަކުގެ އެކަމޮޑޭޝަނެވެ.
މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓްތަކުގައި މުޅި ޖުމްލަ 1,188,689 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ. މިއީ ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ %73.8 އެވެ. މީގެ އިތުރުން، މި މުއްދަތުގައި ލޯކަލް ޓޫރިޒަމް ނުވަތަ ގެސްޓްހައުސްތަކުގައި 352,544 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާއިރު، މިއީ ރާއްޖެއައި ފަތުރުވެރިންގެ %21.9 އެވެ. އަދި ހޮޓެލްތަކުގައި %2.3 ހިއްސާއާއެކު 36,869 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާއިރު، ސަފާރީތަކުގައި 2,654 ފަތުރުވެރިން ވަނީ ވަގުތު ހޭދަކޮށްފައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ތިން ޤައުމަކީ:
* ޗައިނާ: 311,485 ފަތުރުވެރިން
* ރަޝިއާ: 234,718 ފަތުރުވެރިން
* އިނގިރޭސިވިލާތް: 122,068 ފަތުރުވެރިން
ރާއްޖެއަށް ފަތުރުވެރިން އެތެރެވި ބޯޑަރުތަކަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (VIA) މެދުވެރިކޮށެވެ. އެއީ 1,608,240 ފަތުރުވެރިންނެވެ. އަދި ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އެތެރެވީ އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއަރޕޯޓް މެދުވެރިކޮށެވެ. އެއީ ޖުމްލަ 5,699 ފަތުރުވެރިންނެވެ.
Ads by BML
Ads by MACL
