އުދުހުންތައް ފުޅާކުރުމަށް މޯލްޑިވިއަނުން އެއަރބަސްގެ ދެ ބޯޓު ހޯދަނީ
މޯލްޑިވިއަނުން އެއަރބަސް މަރުކާގެ 2 ބޯޓު ހޯދަން އިޢުލާންކޮށްފިއެވެ. މި ބޯޓުތައް ހޯދުމަށް އެ ކުންފުނިން ބޭނުންވަނީ އޮޕަރޭޓިންގ ލީސްގެ ދަށުންނެވެ.
މޯލްޑިވިއަނުން ކުރި އިޢުލާންގައި ބުނެފައިވަނީ އެ ކުންފުނީގެ ފްލީޓް އިތުރުކުރުމަށްޓަކައި އެއަރބަސް A220-300 މަރުކާގެ ދެ ބޯޓު ގަންނަން ބޭނުންވާކަމަށެވެ. އެހެންކަމުން މިކަމާ ގުޅޭ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު އެ ކުންފުނިން މިހާރު ވަނީ ހުޅުވާލާފައެވެ. ޝަރުޠުހަމަވާ ފަރާތްތަކުން މި މަހުގެ 28 ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަންޖެހެއެވެ.
މިކަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ސުވާލު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުގެ 14:00 އެވެ. ހުށަހަޅާ ސުވާލުތަކަށް އޮކްޓޫބަރު މަހުގެ 19 ގެ ކުރިން ޖަވާބު ފޮނުވާނެކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
މޯލްޑިވިއަނުން ދަނީ އެ ކުންފުނީގެ ފްލީޓަށް އިތުރު ބޯޓުތައް ހޯދައި ފްލީޓް ބޮޑުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި ބަދަލާއެކު އެތެރެއާއި ބައިނަލްއަޤްވާމީ ދަތުރުތައް ކުރާ މަންޒިލްތަކާއި ދަތުރުތަކުގެ އަދަދު އިތުރުކުރުމަށް އެ ކުންފުނިން އަންނަނީ ރާވަމުންނެވެ.
ޤައުމީ އެއަރލައިން މޯލްޑިވިއަނުން މިވަގުތު ޝެޑިއުލް ދަތުރުތައް ކުރަނީ ބައިނަލްއަޤްވާމީ 4 ޤައުމެއްގެ 7 މަންޒިލަކަށެވެ. އެއީ އިންޑިއާގެ 2 ސިޓީއަކަށާއި، ބަންގްލަދޭޝްގެ ޑާކާއަށާއި، ޗައިނާގެ 3 ސިޓީއެއްގެ އިތުރުން އޮސްޓްރޭލިއާގެ މެލްބަންއަށެވެ.
Ads by MACL
