ދިވެހި ބަހުގެ ގަވާއިދު ފޮތް 10 އަހަރުގެ މަސައްކަތަށްފަހު ނޮވެމްބަރުގައި ނެރެނީ: ވަޒީރު ހީނާ
ދިވެހި ބަހުގެ ގަވާއިދުތަކާއި ހަމަތައް ބަޔާންކޮށް އެކުލަވާލާ ޚާއްޞަ ގަވާއިދު ފޮތް، 10 އަހަރަށްވުރެ ދިގު މުއްދަތެއްގެ މަސައްކަތަށްފަހު އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ނެރުމަށް ތައްޔާރުވަމުންދާ ކަމަށް ދިވެހި ބަހާ ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް މިރޭ ބޭއްވި "އަހާ" ފޯރަމްގައި ވާހަކަދައްކަވަމުންނެވެ.
މި ފޮތަކީ ބަހަވީ އިލްމު ޒަމާނާ ފެއްތުމަށާއި ބަހުގެ ލަފުޒުތައް އެތުރޭ ބައިތައް ސާފުކޮށް ބަޔާންކުރުމަށް ތައްޔާރުކުރެވޭ ފޮތެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ބަސް ކުރިއެރުވުމަށްޓަކައި ދިވެހި ބަހުގެ އެކެޑަމީން ރަދީފު އެޕްލިކޭޝަނަށްވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން އެޕް މެދުވެރިކޮށް އާ ބަސްތައް ހުށަހެޅުމާއި، އަކުރުތަކާއި ބަހުގެ ގިންތިތައް ވަކިން ބަލާލެވޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، ރަދީފު ޗާޕުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
ޒަމާނީ ވަސީލަތްތަކުގެ ބޭނުންހިފައިގެން ބަހަށް އާންމުންގެ ޝައުގުވެރިކަން އިތުރުކުރުމަށްޓަކައި އަންނަ އަހަރުގެ ތެރޭގައި ހެކަތޯންއެއް ބޭއްވުމަށާއި، ދިވެހި ބަހާ ގުޅޭ ގޭމްތައް ތަރައްގީކުރުމަށް ރޭވިފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ. އަދި ލިޔުންތައް ދަފްތަރުކޮށް ބެލެހެއްޓޭނެ ޑޭޓާބޭސްއެއް ގާއިމުކުރުމުގެ އިތުރުން، މައުރަޒުތަކާއި އެގްޒިބިޝަންތައް މެދުވެރިކޮށް ކެލިގްރަފީއާއި ބަހުގެ ތާރީޚު އާންމުންނަށް ފޯރުކޮށްދިނުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
Ads by BMLދިވެހި ބަހުން ރީތިކޮށް ވާހަކަދައްކަން ނޭނގޭ މައްސަލައާއި ބަސް ނެތެމުންދިއުމުގެ ބިރަށް ހައްލެއް ހޯދުމަށް ކުޑަކުދިންނާއި ޒުވާނުންނަށް އަމާޒުކޮށްގެން ތަފާތު މުބާރާތްތައް ހިންގަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ވާހަކަދެއްކުމާއި، މަޒުމޫނު، ކުރުވާހަކަ އަދި ޅެން ހެދުމުގެ މުބާރާތްތަކުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް ބޭއްވި ގައުމީ އަތުލިޔުމުގެ މުބާރާތުގައި 200 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށް ވިދާޅުވިއެވެ.
ވުޒާރާގެ އެހީތެރިކަން މުޅި ރާއްޖެއަށާއި ބޭރު ގައުމުތަކުގައި ތިބި ދިވެހިންނަށް ފޯރުކޮށްދެމުންދާކަން ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ގުޅުމުން އިސްނަގައިގެން އައްޑޫއާއި ފުވައްމުލަކުގައި ބާއްވާ މުބާރާތްތަކަށް ފަންނީ އެހީތެރިކަން ދެމުންދާ ކަމަށެވެ. އަދި ރާއްޖެއިން ބޭރުގައިވާ އެމްބަސީތައް މެދުވެރިކޮށް، ބޭރުގައި ދިރިއުޅޭ ދިވެހިންނަށްވެސް ބަހުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެހީތެރިވަމުންދާ ކަމަށް ވިދާޅުވިއެވެ.
ދިވެހި ބަހަށް އިސްކަންދިނުމުގެ ޤާނޫނު ތަންފީޒުކުރުން އިތުރަށް ހަރުދަނާކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ދިރާސާކުރަމުންދާ ކަމަށާއި، އިޞްލާޙެއް ގެންނަންޖެހޭނަމަ އެކަންކަން ދެނެގަތުމުގެ މަރުޙަލާ މިހާރު ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ސަރުކާރުގެ މައިގަނޑު އަމާޒަކީ ދިވެހި ބަހާއި ސަގާފަތް ދިރުވައި، ބަހަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ.
Ads by MACL
