ދިވެހި ބަސް ނެތިދާނެ ކަމުގެ ބިރު އޮތުމަކީ ޤައުމީ ފެންވަރުގައި ކަންބޮޑުވާންޖެހޭ ކަމެއް: ވަޒީރު ހީނާ
ދިވެހި ބަހުން ރީތިކޮށް ވާހަކަނުދެއްކުމާއި، އަންނަން އޮތް ޖީލުތަކަށް ދިވެހި ބަސް ފޯރުކޮށްނުދެވި، ބަސް ނެތިގެން ހިނގައިދާނެ ކަމުގެ ބިރު އޮތުމަކީ ޤައުމީ ފެންވަރެއްގައި ކަންބޮޑުވާންޖެހޭ މުހިންމު ކަމެއް ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ، ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން އާންމުން ހުރި ކަންބޮޑުވުންތަކާއި ސުވާލުތަކަށް ޖަވާބުދިނުމަށް މިރޭ ކުރިއަށްދިޔަ ”އަހާ“ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިހާރުގެ ޖީލުތަކަށް ދިވެހި ބަހުން ރީތިކޮށް ވާހަކަދައްކަން ނޭނގުމާއި، ދުވަހުން ދުވަހަށް ބަސް ބޭނުންކުރުމަށް ފަސްޖެހުމަކީ ބަހުގެ މުސްތަޤްބަލަށް އޮތް ބޮޑު ނުރައްކަލެކެވެ. އެހެންކަމުން ބަހަށް ހުރި މިފަދަ ގޮންޖެހުންތައް ޢިލްމީ ގޮތެއްގައި ދެނެގަނެ، އެކަންކަމަށް ދާއިމީ ޙައްލެއް ހޯދުމަށް ޚާއްޞަ ދިރާސާތަކެއް ކުރަންޖެހިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި މަސައްކަތުގައި ރާއްޖޭގެ ޔުނިވަރސިޓީތަކާއި ކޮލެޖްތަކުގެ ދައުރު ނުހަނު ބޮޑުކަމަށާއި، ބަސް ދިރުވައި އާލާކުރުމަށް ޢިލްމީ މުއައްސަސާތަކުން އިސްނަގައިގެން މަސައްކަތްތަކެއް ބައްޓަންކުރަންޖެހޭ ކަމަށްވެސް ވަޒީރު އިލްތިމާސްކުރެއްވިއެވެ.
ބަހުގެ ޤަވާއިދު ހިފެހެއްޓުމަށް ކުރެވޭ ރަސްމީ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ހާމަކުރެއްވި ގޮތުގައި، ދިވެހި ބަހުގެ ޤަވާއިދު ފޮތް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަތާ މިހާރު 10 ވަރަކަށް އަހަރު ވެއްޖެއެވެ. ނަމަވެސް، މި ސަރުކާރުން މި މަސައްކަތް ހަލުވިކޮށް، މިއަހަރުގެ (2026) ނޮވެމްބަރު މަހުގެ ތެރޭގައި އެ ޤަވާއިދު ފޮތް ނެރެ އާންމުކުރުމަށް އަމާޒު ހިފައި، ބާރުދުވެލީގައި މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ ދިވެހި ބަހުގެ ލިޔެކިޔުންތެރިކަމާއި ޤަވާއިދުގެ ނިޒާމު ހަރުދަނާކޮށް އެއްގޮތްކުރުމަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.
މީގެ އިތުރުން، އީޖާދީ އަދި ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮގީގެ ބޭނުން ހިފައިގެން ކުޑަކުދިންނާއި ޒުވާނުންގެ ހިތްތަކުގައި ބަހަށް ލޯބި ޖެއްސުމަށްޓަކައި، އަންނަ އަހަރު (2027) ވެސް ގިނަގުނަ މަސައްކަތްތަކެއް ކުރުމަށް މިނިސްޓްރީން ބޮޑެތި މަޝްރޫޢުތަކެއް ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިގޮތުން ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ދިވެހި ބަސް އުނގަންނައިދިނުމާއި ބަހުގެ ދިރާސާތައް ފުޅާކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.
Ads by MACL
