ވައިގެ މަގުން އަތޮޅުތައް ގުޅުވާލުން: ރާއްޖޭގެ އިޤްޠިޞާދަށާއި ފަތުރުވެރިކަމަށް އައު ދިރުމެއް!
ދެކުނުގެ އަތޮޅުތައް ވައިގެ މަގުން ގުޅުވާލުމަށްޓަކައި ސަރުކާރުން ފެށި "ސައުތު ކަނެކްޓިވިޓީ" މަޝްރޫޢުގެ ދަށުން ވަކި ޝެޑިއުލަކަށް ފްލައިޓުތައް އޮޕަރޭޓުކުރަން ފެށުމުން، އޭގެ ބޮޑެތި ފައިދާތަކެއް މިހާރު ފެންނަމުންދާ ކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބޭއްވި "އަހާ" ފޯރަމްގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި، ދެކުނުގެ ސީނު (އައްޑޫ)، ޏަވިޔަނި (ފުވައްމުލައް) އަދި ގާފު އަލިފާއި ގާފު ދާލު އަތޮޅު ވަކި ޝެޑިއުލެއްގެ ދަށުން ގުޅުވާލުމުން އިޤްޠިޞާދީ ގޮތުންނާއި ދަތުރުފަތުރުގެ ގޮތުން ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ވަނީ ލިބިފައެވެ. ދެކުނުން ފެނުނު މި ކާމިޔާބީގެ ސަބަބުން، ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާ އެއްގޮތަށް އުތުރުގެ އަތޮޅުތަކުގައިވެސް މިފަދަ ފްލައިޓް މޫވްމަންޓްތަކެއް ފެށުމަށް މިހާރު ވަނީ ހަމަޖެހިފައެވެ.
އަދި ސަރުކާރުން ވަނީ ރާއްޖޭގެ ދެކުނާއި އުތުރުގެ އަތޮޅުތައް ވައިގެ މަގުން ގުޅުވާލުމަށް ޚާއްޞަ ދެ ނެޓްވޯކެއް ކަނޑައަޅުއްވާފައެވެ. އެގޮތުން މިހާރުވެސް ކާމިޔާބުކަމާއެކު ޚިދުމަތް ދެމުންދާ "ސައުތު ކަނެކްޓިވިޓީ" ގެ ދަށުން ސީނު، ޏަވިޔަނި، ގާފު އަލިފު، އަދި ގާފު ދާލު އަތޮޅު ޓްވިން އޮޓަރ (Twin Otter) މަތިންދާބޯޓުތަކުން ގުޅުވާލައި، ރައްޔިތުންނަށް އިޤްޠިޞާދީ ނަފާއާއި ދަތުރުފަތުރުގެ ބޮޑެތި ލުއިފަސޭހަތަކެއް ދަނީ ފޯރުކޮށްދެމުންނެވެ. އަދި މި ނިޒާމުގެ ދަށުން އަލަށް ފެށުމަށް ތައްޔާރުވަމުންދާ "ނޯދަން ކަނެކްޓިވިޓީ" މަޝްރޫޢުގެ ދަށުން ހއ. ހދ. އަދި ށ. އަތޮޅު ވައިގެ މަގުން ގުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ. މި އުތުރުގެ ދަތުރުތަކަށް ޚާއްޞަކޮށްގެން ގެންނަ 2 އައު ޓްވިން އޮޓަރ ބޯޓު އަންނަ ޖެނުއަރީ (2027) މަހުގެ ތެރޭގައި ލިބުމާއެކު، ބޮޑުތިލަދުންމަތީގެ ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ އެކްޓިވިޓީތައް އިތުރަށް ފުޅާވެގެންދާނެކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
Ads by BML
Ads by MACL
